"ތުރުކީން ހަދިޔާކުރި މަނަވަރާއެކު އަސްކަރިއްޔާގެ ކަނޑުމަތީގެ ލަޝްކަރުގެ ބާރު އެތައްގުނައެއް އިތުރުވާނެ"

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ލަޝްކަރީގެ ބާރު އެތައް ގުނައެއް އިތުރުކުރާނެ މަނަވަރެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު މަނަވަރު ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމާއި ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ އަރުމާދަށް މިހާތަނަށް އިތުރުކުރެވުނު އެންމެ ބޮޑު އުޅަނދުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސަމާލުކަމެއް ދިވެހި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަށް ދެއްވަމުންދާކަން ފާހަގަކުރައްވަމުން، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ "ކައިރި މުސްތަޤްބަލެއްގައި އިތުރު އަސްކަރީ ކަނޑުގެ އުޅަނދުފަހަރު އެމަނިކުފާނު އެމްއެންޑީއެފަށް ހޯއްދަވާދެއްވާނެ" ކަމަށެވެ.

އަދި މިކަމަކީ "އަސްކަރިއްޔާ ތަރައްޤީކުރެއްވުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވަމުން ގެންދަވާކަމުގެ އަލިގަދަ ހެއްކެއް" ކަމުގައިވެސް ޙިލްމީ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ މިނިވަންކަމުގެ އެންމެ ވަރުގަދަ ރަމްޒަކީ ދިވެހިރާއްޖޭގެ އަސްކަރިއްޔާކަން ފާހަގަކުރައްވަމުން، ޤައުމުގެ މިނިވަންކަން ދިފާޢުކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް ސިފައިން އަބަދުވެސް ތިބޭނީ ތައްޔާރަށްކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަށްޑަނަ އެޅުއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ