މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރާއި ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. "މި މަނަވަރަކީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ރަމްޒެއް" ކަމުގައި ރައީސް ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ކޮމިޝަން ކުރެވުނު "ދަރުމަވަންތަ" މަނަވަރަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވި ޑޯގަން ކްލާސްގެ މަނަވަރެކެވެ. މި މަނަވަރު ހަދިޔާކުރުމަށް ނިންމި ނިންމުން ތުރުކީ ސަރުކާރުން އިޢުލާންކުރެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ދިފާޢީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، މި މަނަވަރަކީ ރައީސް މުޢިއްޒު ޤައުމީ ދިފާޢީ ބާރުގެ ކޯސްޓް ގާޑް ދެގުނަ ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. އަދި މިއީ ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ލިބުނު އުޅަނދެއްކަމަށްވެސް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެޑްމިރަލް ޔިލްޑްޒް ވަނީ ދެއްވާފައެވެ. އަދި ދެ ފަރާތުންވެސް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެކަކު އަނެކަކަށް ދެއްވާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސް މުޢިއްޒުގެ ވެރިކަމުގައި ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމެވެ. މީގެ ތެރޭގައި ވައިގެ ބާރު އިފްތިތާޙްކުރެއްވުމާއި، ތުރުކީ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތައް ސިފައިންގެ ޚިދުމަތަށް ތަޢާރަފްކުރެއްވުން ހިމެނެއެވެ.




