އުމުރުން 4 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވި މީހަކަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުންވެސް ތާޢީދު ކޮށްފިއެވެ.
މި މައްސަލާގައި ޙުކުމް ކޮށްފައި ވަނީ ކ. ގާފަރު، އޯކިޑުމާގެ / ޢަބްދުއްސަލާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުއްސާބިތުވެ 15 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.
މި ޙުކުމްގެ އިސްތިޢުނާފު މައްސަލާގައި ހައިކޯޓުން މި މައްސަލައަށް ބެއްލެވި ފަނޑިޔާރުންނަކީ އަލްއުސްތާޛު ޝަހީދުއާއި، އަލްއުސްތާޛު ޝަފީޢުގެ އިތުރުން އަލްއުސްތާޛު މަޒީރުއެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ އަލްއުސްތާޛު ޝަފީޢުއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް އާންމުކޮށް ހިންގާ މައްސަލަތަކެވެ.
އެގޮތުން މިދިޔަ އަންގާރަ ދުވަހުވެސް ހައިކޯޓުން ވަނީ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެ، އުމުރުން 50 އަހަރުގެ މީހެއްގެ މައްޗަށް 14 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އަދި ދެކުނުގެ ރަށެއްގައި މީގެ ދުވަސްތަކެއް ކުރިން އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއްވެސް ފެންމަތިވެފައިވާއިރު، އޭގެ ފަހުންވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.