ދ. ކުޑަހުވަދޫއިން ގިނައަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ސްކޫލް ދަރިވަރުންތަކެއްވެސް ހިމެނޭ ކަމަށް ކުޑަ ހުވަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކުޑަހުވަދޫ ކައުންސިލުގެ ރައީސް އަޙްމަދު ޝާމް މި ނޫހަށް ވިދާޅުވީ، އެ ރަށުން ޕޮޒިޓިވްވި 19 މީހުންގެތެރޭގައި ސްކޫލް ދަރިވަރުންވެސް ހިމެނޭކަމަށާއި، ނަމަވެސް ޕޮޒިޓިވް ވެފައިވަނީ ކިތައް ދަރިވަރުންކަމެއް ނޭނގޭކަމަށެވެ.
ކުޑަހުވަދޫން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ އެރަށު އެއަރޕޯޓުގެ ހަ މުވައްޒަފަކު 17 މާރިޗު 2021 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށެވެ.
ކުޑަހުވަދޫން ނެގި ސާމްޕަލްތަކުގެ ތެރެއިން 13 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާކަމަށް މި މަހުގެ19 ގައި އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.
އޭގެތެރޭގައި ހިމެނެނީ ކުޑަހުވަދޫއިން ކުރިން ޕޮޒިޓިވް ވި މީހުންނާއި ކޮންޓެކްޓްވެފައިވާ މީީހުންގެ ތެރެއިން 10 މީހަކާއި، ޝައްކުރެވިގެން ޓެސްޓް ކުރެވުނު 2 މީހަކާއި، އަލާމްތް ހުރެގެން ޓެސްޓް ކުރި މީހެކެވެ.



