މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެ މުސާރަ ނަންގަވާކަމަށް ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ، މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވެފައި މިވަނީ މަޖިލިސް ރައީސްކަމަށް ރައީސް ނަޝީދު އައްޔަންވި ހިސާބުން ކުރީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާއިން 85،000 ރުފިޔާ ނުނަންގަވަން ނިންމާފައިވާކަން ހާމަކުރައްވާފައި ވަނިކޮށެވެ.
އެގޮތުން މަލީހް ވަނީ ރައީސް ނަޝީދަށް ދެން އެކަން ފޮރުވައިގެން ނުހުރެވޭނެކަމަށް ވިދާޅުވެ، އެކަން މާދަމާ މަޖިލީހަށް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ. މި މައްސަލާގައި މަލީހް ރައިސް ނަޝީދަށް އިޝާރާތް ކުރައްވާފައި ވަނީ "ދެ މުސާރަ ތަކުރު" ގެ ނަމުންނެވެ.
"ދެ މުސާރަ ތަކުރު ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ. RTI ގެ ދަށުން މާދަމާ މަޖިލީހަށް ހުށަހަޅާނަން" ދާދި ފަހުން ކޮމިއުނިކޭޝަން މިނިސްޓަރ ކަމުން ދުރު ކުރެއްވި މަލީޙް ވިދާޅުވެފައިވެއެވެ.
މަލީޙް އިތުރަށް ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް މެންބަރު / ރައީސް އަދި ކުރީގެ ރައީސްގެ ޙައިސިއްޔަތުން މުސާރައާއި އިނާޔަތް ނަންގަވާކަމަށެވެ. އަދި އެތަނުން ކޮންމެވެސް އެކައްޗެއް ރައްޔިތުންގެ ޙައްޤުގައި ދޫކޮށްލުމުގެ ގަޓު ހުންނާނެ ތޯ މަލީޙް ވަނީ ސުވާލު ކުރައްވާފައެވެ.
"ދެ މުސާރަ ތަކުރު" ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ. RTI ގެ ދަށުން މާދަމާ މަޖިލީހަށް ހުށަހަޅާނަން. މަޖިލިސް މެންބަރު/ރައީސް އަދި ކުރީގެ ރައީސްގެ ޙައިސިއްޔަތުން ނަގާ މުސާރަ އަދި އިނާޔަތް. ކޮންމެވެސް އެކައްޗެއް ރައްޔިތުންގެ ޙައްޤުގަ ދޫކޮށްލުމުގެ ގަޓު ހުންނާނެ ބާ?
— Mohamed Maleeh Jamal (@maleehjamal) March 20, 2021
ގާނޫނުގައިވާ ގޮތުގެ މަތިން ކުރީގެ ރައީސުންނަށް ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 175،000 ރުފިޔާ ދޭން ޖެހެއެވެ. އެއީ މުސާރައިގެ ގޮތުގައިދޭ 50،000 ރުފިޔާއާއި، ދިރިއުޅޭ ތަނުގެ ހަރަދަށް ދޭ 50،000 ރުފިޔާއެވެ. އަދި އޮފީސްތައް ހިންގުމަށާ އެކު ގިނަވެގެން 175،000 ރުފިޔާ ދޭން ޖެހެއެވެ. އަދި އެއް ދައުރަށް ވުރެ އިތުރަށްނަމަ ވެރިކަން ކޮށްފިނަމަ މުސާރައިގެ ގޮތުގައި 75،000 ރުފިޔާދޭންޖެހެއެވެ.
ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.




ހިޔާލު
Neygynas vaahaka hadaathi