ރ. އުނގޫފާރުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުން އެހެން ރަށްރަށަށް ގޮސްފައިވާ މީހުން ކަރަންޓީން ވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭ އިން ވިދާޅުވީ، ރ. އުނގޫފާރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 2 މާރިޗް 2021 ގެ ފަހުން ރ. އުނގޫފާރުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުން އެދޭކަމަށެވެ.
މީގެ އިތުރުން 2 މާރިޗް 2021 ގެ ފަހުން ރ. އުނގޫފާރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށްވެސް އެ އެޖެންސީ އިން ވަނީ ދަންނަވާފައެވެ.
އެޗްޕީއޭއިން ވަނީ އެފަރާތްތަކުން ޓެސްޓްގެ ނަތީޖާ ނެގެޓިވްވީ ނަމަވެސް އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާކުރެއްވުމަށް ދަންނަވާފައެވެ.
އުނގޫފާރު އިއްޔެ ވަނީ ކަރަންޓީންގައި ނެތް އުމުރުން 50 އަހަރުގެ އަންހެނަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޢަލާމާތްތައް ފެނިގެން ޓެސްޓްކުރުމުންކަމަށެވެ.
އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުއްނާޞިރު މި ނޫހަށް ވިދާޅުވީ، އެރަށުން ކޮވިޑަށް ޕޮޒިޓިވް ވި އަންމީހާގެ ފިރިމީހާއަކީ މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ މީހެއްކަމަށާއި، އެބޯޓު 10 ދުވަހުން ދެ ދަތުރު މާލެއަށް އާންމުގޮތެއްގައި ކުރާކަމަށެވެ.
އޭގެ ފަހުން އުނގޫފާރުން މިއަދު ވަނީ 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.




