މަގާމާއި ހަވާލުވިތާ 19 ދުވަސްތެރޭ އިކުއެޑޯގެ ހެލްތް މިނިސްޓަރ ރޮޑޮލްފޯ ފާރޑަން މަގާމުން އިސްތިއުފާ ދީފިއެވެ.
ރޮޑޮލްފޯ ފާރޑަން ހެލްތް މިނިސްޓަރުގެ މަގާމުން އިސްތިއުފާދީފައި މިވަނީ ކޮވިޑް-19 ވެކްސިން ދިނުމުގައި ވަކި ބަޔަކަށް އުސޫލުގެ ބޭރުން ވެކްސިން ދިނުމުގައި އިސްކަންދީފައިވާކަމުގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ.
މި ތުހުމަތުތަކާއި ގުޅިގެން އިކުއެޑޯގެ ފުލުހުންވަނީ ހެލްތް މިނިސްޓްރީ އާއި ބަޔެއް ހޮސްޕިޓަލްތައް ރެއިޑްކޮށް ތަހުގީގަށް ބޭނުންވާ ބަޔެއް ހެކިތައް ހޯދައިފައެވެ.
މިހެންނަމަވެސް ރޮޑޮލްފޯ ފާރޑަން މަގާމުން އިސްތިއުފާދިނުމަށް އެދި ލިޔުނު ސިޓީގައި މީގެން އެއްވެސް ކަމެއް ފާހަގަ ކޮށްފައެއް ނުވެއެވެ. މަގާމުން އިސްތިއުފާދިން ސަބަބެއް ކަމަށް ރޮޑޮލްފޯ ފާރޑަން ހާމަކޮށްފައިވަނި އަމިއްލަ ބޭނުމަށްޓަކައެވެ.
ރޮޑޮލްފޯ ފާރޑަން މީގެ 19 ދުވަސްކުރިން ހެލްތް މިނިސްޓަރުކަމާއި ހަވާލުވެފައިވަނީ އޭރު ހުއްނެވި ހެލްތް މިނިސްޓަރާއި ގުޅިގެންވެސް ކޮވިޑް-19 ވެކްސިން ދިނުމުގައި ނުގަވާއިދު އަމަލުތައް ހިނގައިފައިވާކަމުގެ ތުހުމަތުތަކެއް ކުރެވި މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިކުއަޑޯގައި ކޮވިޑް-19 މިހާތަނަށް އެންމެ ގިނަ އަދަދަކަށް ދީފައިވަނީ ސިޔާސީ އިސްވެރިންނަށާއި، ނޫސްވެރިންނަށާއި، އަދި މިނޫންވެސް ގައުމުގައި ނުފޫޒުގަދަ ފަރާތްތަކަށެވެ. ނަަމަވެސް ވެކްސިން ދިނުމުގައި އިސްކަންދިނުމަށް އެންމެ ފުރަތަމަ ކަނޑައަޅައިފައިވަނީ ފުރޮންޓްލައިން މަސައްކަތްތެރިންނާއި އުމުރުން ދުވަސްވީ ފަރާތްތަކެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ކޮވިޑް-19ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިކުއަޑޯއިން މިހާތަނަށް 309,000 ވުރެ ގިނަމީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. މީގެތެރެއިން 16,400 މީހުންނަށްވުރެ ގިނަމީހުން މިބަލީގައިވަނީ މަރުވެފައެވެ.



