ވެރިރަށް މާލޭގައި މާދަމާއިން ފެށިގެން ޗައިނާގެ ސިނޯފާމް ވެކްސިން ޖަހަން ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދިނުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ. މާދަމާ ވެކްސިން ޖަހަން ފަށާއިރު ޖަހާނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ.
"މާލޭ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން 22 މާރިޗު 2011 ގައި ފެށޭނެއެވެ." އެޗްޕީއޭއިން ނެރެފައިވާ އިޢުލާނެއްގައިވެއެވެ.
އަދި މިއިޢުލާނުގައި ވާގޮތުން 22 މާރޗް 2021 ން ފެށިގެން ފުރަތަމަ ޑޯޒް ދޭން ފަށަނީ 15 މާރިޗު 2011 ގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ ސިނޯފާމް ވެކްސިންގެ ޑޯޒްތަކެވެ.
އެގޮތުން ވެކްސިންގ ޖެހުމަށް ހަމަޖެހިފައިވާ ތަންތަނަކީ:
- ސޯޝަލް ސެންޓަރ - 10:00 ން 16:00 އަށް
- އިސްލާމީ މަރުކަޒު - 10:00 ން 16:00 އަށް
- ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް ހުރި އިމާރާތް) - 10:00 ން 16:00 އަށް
- ވިލިމާލެ ޒުވާނުންގެ މަރުކަޒު 10:00 ން 14:00 އަށް
- ރައްޔިތުންގެ މަޖްލިސް - 10:00 ން 16:00 އަށް
- ޓްރީޓޮޕް ހޮސްޕިޓަލް - 10:00 ން 16:00 އަށް
އަދި ވެކްސިން ޖަހަންދާއިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުމަށްވެސް އެޗްޕީއޭއިންވަނީ އެދިފައެވެ. މީގެއިތުރުން ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ.
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން.
- ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން.
- ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން.
ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން. މިއީވެސް ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތަކުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައިވާ ކަންތައްތަކެވެ.
ރާއްޖޭގައި މިހާތަނަށް ޖަހަމުން އައީ އިންޑިއާގައި އުފައްދަމުން އައީ ކޮވިޝީލްޑް ވެކްސިނެވެ.




