ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ރާއްޖޭގައި ނުހުރެވޭނެ ފަރާތްތައް ނަންނޯޓް ކުރުމަށް ހުޅުވާލައިފި

ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ޖަހަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެކްސިންޖަހަން ރާއްޖޭގައި ނުހުރެވޭނެ ފަރާތްތައް ނަން ނޯޓް ކުރުމަށް ހުޅުވާލައިފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުން ވިދާޅުވީ، ބޭސްފަރުވާއަށް ނުވަތަ ތަޢުލީމު ހާސިލުކުރުމަށް ޤައުމުން ބޭރަށް ދަތުރުކުރަންޖެހުމުގެ ސަބަބުން ފުރަތަމަ ޑޯޒް ޖެހިތާ 8-12 ހަފުތާގެ ތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވޭނެ ފަރާތްތައް (ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފުތާ ހަމަވެފައިވާނަމަ) ވެކްސިން ޖެހުމަށް ނަން ނޯޓް ކުރަން ނުވަތަ މައުލޫމާތުތައް އީމެއިލް ކުރަން އެދޭކަމަށެވެ.

މި ޝަރުތުތައް ހަމަވާ ފަރާތްތައް ނަންނޯޓުކޮށް މައުލޫމާތު ދިނުމަށް ކޮވިޑް-19ގެ ހޮޓްލައިން 1676 ގުޅުމަށް އެޗްއީއޯސީ އިން އެދިލައްވާއިރު މައުލޫމާތުތައް އީމެއިލް ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން [email protected] އީމެއިލް އައިޑީއަށް އީމެއިލް ކުރުމަށްވެސް އެދިލައްވައެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާމުންނަށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާނީ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާ ފަހުންނެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށައިފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިމީހުންގެ ޖުމްލަ އަދަދަކީ 218،912 އެވެ. މީގެތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން 121،630 މީހުންނާއި އަތޮޅުތެރޭ ރައްތަކުން 97،282 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ