ހއ. ދިއްދޫ އަމާންވެށިން ޕޮޒިޓިވްވި ދެ މީހަކު އިތުރު ފަރުވާއަށް ށ. އަތޮޅު ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފިއެވެ.
ހއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އުސްމާން އަޝްރަފް ވިދާޅުވި ގޮތުގައި އިތުރު ފަރުވާއަށް ގެންގޮސްފައިވަނީ އަމާންވެއްޓަށް ގެންދިޔަ 15 ކުދިން ބެލުމަށް އެކުދިންނާއެކު އެތާ ކަރަންޓީނުގައި ތިބި ދެ ކެއަރޓޭކަރުންނެވެ.
ދިއްދޫ އަމާންވެށިން މިހާތަނަށް 12 ކުއްޖަކާއި އެކުދިން ބެލެހެއްޓުމުގައި އުޅޭ 4 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އަމާންވެށިން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މިމަހުގެ 12 ވަނަދުވަހުއެވެ. އަދި މިކޭސްއާއި ގުޅިގެން އެކުއްޖާއާއި ކޮންޓެކްވި މީހުންގެ ސާމްޕަލް ނަގާފައިވާއިރު، މި ސާމްޕަލްތަކުގެ ތެރެއިން މިމަހުގެ 14 ވަނަ ދުވަހު އިތުރު 10 ސާމްޕަލެއް ޕޮޒިޓިވްވިއެވެ.
ދިއްދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެރަށު އަމާން ވެށިން ޕޮޒިޓިވްވި ހުރިހާކުދިންވެސް މިހާރުވަނީ ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އައިސޮލޭޓް ކުރެވިފައެވެ.
ދިއްދޫގައި ގާއިމްކުރި އަމާންވެށި މިމަހުގެ 6 ވަނަ ދުވަހު ހުޅުވާފައިވާއިރު ޖެންޑާ މިނިސްޓްރީން ބަލަހައްޓަމުން ގެންދިޔަ 15 ކުއްޖަކު ދިއްދޫގައި ހުޅުވި އަމާންވެއްޓަށް ވަނީ ބަދަލުކޮށްފައެވެ.



