އުތުރުގެ ކޭސްއާއި ގުޅިގެން ނެގި 133 ސާމްޕަލް ނެގެޓިވް

ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅުގެ ބައެއް ރަށްރަށުން ޕޮޒިޓިވް ވި މީހުންނާއި ގުޅިގެން ނެގި ސާމްޕަލްތައް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެހޮސްޕިޓަލުން ވިދާޅުވެފައި ވަނީ ރިލީސް ސާމްޕަލްއާއެކު މި ދެ ދުވަހު ކުޅުދުއްފުށިންނާއި ކައިރި ބައެއް ރަށްރަށުން ޕޮޮޒިޓިވް ވި ކޭސްއާ ގުޅިގެން ނެގިފައިވާ 133 ސާމްޕަލް ވަނީ ނެގެޓިވް ވެފައިކަމަށެވެ.

ކޭއާރުއެޗް އިން ވަނީ މި ސާމްޕަލްތައް ނެގެޓިވް ވި ނަމަވެސް މޮނިޓަރިންގެ ހާލަތު އުވާލެވެންދެން އަދި މި ދުވަސްވަރު ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރެމުން ދާތީ މާސްކު އަޅާ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު އުޅުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ކަމުގައި ވާނަމަ ކޮވިޑް ހޮޓްލައިން 7606688 އާ ގުޅާ މައުލޫމާތު ހިއްސާ ކުރެއްވުމަށްވެސް އެ ހޮސްޕިޓަލުން ވަނީ ދަންނަވާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ މިހާތަނަށް ޕޮޒިޓިވް ވީ ކޭސްތަކާ ގުޅިގެން 200 ސާމްޕަލް ނެގިފައިވާކަމަށާއި، އެގޮތުން އިއްޔެ އަދި މިއަދު 125 ކޮވިޑް ސާމްޕަލްސް ނެގިފައިވާކަމަށެވެ. މި ސާމްޕަލްސްތަކުގެ ނަތީޖާ އެންމެ ލަސްވެގެން މިރޭގެ ވަގުތެއްގައި ލިބޭނެކަމުގައި އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް ބަލި ހަށިގަނޑުގައި އަށަގަންނަ ވަގުތުގެ ކުރީކޮޅު ލެބޯޓްރީ ނަތީޖާތަކުން ނެގެޓިވް ކަމަށް ދެއްކި ކަމުގައި ވިޔަަސް ފަހުން ނަގާ ސާމްޕަލްއެއް ޕޮޒިޓިވްވުން އެކަށީގެންވާތީ އެންމެހާ ބޭފުޅުން ވެސް މި ދުވަސްވަރު މާސްކު އެޅުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޭއާރުއެޗް އިން ވަނީ ދަންނަވަފައެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ވީއްލޭނެ ވަކި ތާރީހެއް ދަންނަވަން ނޭނގޭ ކަމުގައި ވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ