ނޯތް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި މިމަހުގެ 3ވަނަ ދުވަހު އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ފުލުހުން މިރޭ ނޫސްބަޔާނެއް ނެރެފައި ވީނަމަވެސް މި ނޫސްބަޔާނުގައި މިމައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރިކަން ފާހަގަ ކޮށްފައެއް ނުވެއެވެ.
ފުލުހުން މިމައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ ފުލުހުންގެ މުއައްސަސާ ކައިރިއަށް ރޭޕްކުރި ހާދިސާ ހިނގި ރަށުގެ ބަޔެއް ފަރާތްތަކުން އެއްވެ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 10 މީހަކު ފުލުހުން ހައްޔަރުކުރުމަށްފަހު މިރޭ ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ތަޙްޤީޤަށް ބޭނުންވާ އިތުރު ކަންކަން ބެލުމަށްޓަކާ، އެ ކުއްޖާ މާލޭ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައިވަނީ މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުން މި މައްސަލަ ތަޙްޤީޤުކުރަމުންދާކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ކުއްޖާ އެރަށުގެ ޞިއްޙީ މަރުކަޒަށް ދައްކާފައިވާކަމަށާއި، ކުއްޖާ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަކީ މުހިއްމުކަމެއްގެ ގޮތުގައި ބެލެވި، އެރަށް ހިމެނޭ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނަށްވެސް ދައްކާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤަށް ބޭނުންވާ އިތުރު އެސަސްމަންޓް ހެދުމަށްޓަކައި ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ސައިކިއެޓްރިސްޓަކަށް ދައްކައި ސައިކިއެޓްރިކް އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ރޭޕްކޭސް ހިނގި ރަށުގެ ރައްޔިތުންގެ ފަރާތުން މައުލޫމާތުލިބޭގޮތުގައި 14 އަހަރުގެ ކުޑަކުއްޖާ ރޭޕްކޮށްފައިވަނީ އެކުއްޖާގެ ޓީޗަރެއް އިސްވެހުރެ ގެސްޓްހައުސްއަކަށް ގެންގޮސްގެންނެވެ. މިކަމުގައި މި ޓީޗަރުގެ އިތުރުން އިތުރު ތިން މީހަކުވެސް ބައިވެރިވާކަމަށް އެރަށުން މައުލޫމާތުދިން ބަޔެއްފަރާތްތަކުން ބުނެފައި ވެއެވެ.