އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
އެފަދަ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ފުލުހުން މި ނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ނޯތު ޕޮލިސް ޑިވިޜަން (ނ، ރ، ބ އަދި ޅ އަތޮޅު) ބައި ހިމެނޭ ރަށެއްގައެވެ.
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް، އިތުބާރު ކުރެވޭ މަޤާމެއްގައި ހުރި މީހަކު، ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ 2021 މާރިޗު 23 ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންކަމަށެވެ.
މި މައްސަލަ ވަނީ ޖެންޑާ މިނިސްޓްރީއަށްވެސް ހުށައަޅާފައެވެ. އެގޮތުން ކުޑަކުއްޖާއަށް ދޭންޖެހޭ ރައްކާތެރިކަން ދެމުން އަންނަ ކަމުގައި އެ މިނިސްޓްރީން ފާހަގަ ކުރައްވާފައިވެއެވެ.
މި މަހުގެ ފުރަތަމަ ހަފްތާ ތެރޭގައިވެސް ވަނީ މި ސަރަހައްދުގެ ރަށެއްގައި ކުޑަކުއްޖަކަށް ބިރުދައްކާ ގުރޫޕަކުން އެކުއްޖާ ރޭޕް ކުރިކަމަށް ބުނޭ މައްސަލައެއް ފެންމަތިވެފައެވެ.
މި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ އެކަން ބަލައި ދިނުމަށް އެދި ސިޓީއެއް ހުށައަޅާފައެވެ.