މިއަހަރުގެ މެއި އަދި ޖޫންމަހުގައި ބޭއްވުމަށް ތަވާލުކުރި އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު އަވަސްކުރުމާއި ގުޅިގެން އެޗް.އެސް.ސީ އިމްތިހާނު ބާއްވާ ތާރީހަށް ބަދަލު ގެނެސްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިކަން ހާމަކޮށް މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައިހަދާ އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނުތަކުގެ ތާވަލަށް އެ އިމްތިހާން ފޯރުކޮށްދޭ އެޑެކްސެލް އިން ވަނީ ބަދަލުގެނެސްފައި ކަމަށެވެ.
"މިހާރު މި އިމްތިހާން ފެށުމަށް ހަމަޖެހިފައިވަނީ26 އޭޕްރީލް2021 ވަނަ ދުވަހުއެވެ. މި ބަދަލު ގެނެވިފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އާއި މަޝްވަރާ ކުރުމެއް ނެތިއެވެ. އަދި މި ތާރީޚު ބަދަލުކުރެވޭތޯ އެޑެކްސެލްއާ އެކު ކުރެވުނު މަޝްވަރާތަކުން މިކަމަށް އަލިމަގެއް ފެނިފައިނުވާ ކަމުގައި ދަންނަވަމެވެ" މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު ތާވަލަށް އައި މި ބަދަލާއި ގުޅިގެން އެޗް.އެސް.ސީ އިމްތިހާނު ދެން ބާއްވާނީ އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާން ނިމުމަށްފަހު އެއްމަސްފަހުން، 13 ޖޫން އިން 17 ޖޫންގެ ނިޔަލަށް ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މައުލޫމާތު ދެއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިއަހަރު މެއި އަދި ޖޫންމަހުގައި އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު ކުރިޔަށް ނުގެންދެވޭނެކަމަށް އިނގިރޭސިވިލާތުން މިއަހަރުގެ ކުރީކޮޅު ނިންމާފައިވީނަމަވެސް ފަހުންވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.




