ކުޅުދުއްފުށި ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.
އެރަށް މޮނިޓަރިންގެ ހަލަތުން ނަގާފަިއވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ އެރަށަށް އަންގާފައެވެ.
ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ޅ. އަތޮޅު ހޮސްޕިޓަލުން ރެފަރ ކުރި ބަލި މީހަކު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މި މަހުގެ 24 ވަނަ ދުވަހުއެވެ.
އެ ބަލިމީހާ ކޮވިޑަށް ޕޮޒިޓިވްވި އިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށް ދަނީ ފަރުވާދެމުންނެވެ. އޭނާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
އެމީހާ ޕޮޒިޓިވް ވި އިރު އޭނާގެ އެހީތެރިންނާއި އަދި އެ މީހާ ކައިރީގައި އެޑްމިޓްކޮށްފައިވާ އެހެން ބަލި މީހަކާއެކު އެރަށުން ވަނީ ޖުމްލަ 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ކުޅުދުއްފުށި ސިޓީގެ މޮނިތަރިންގެ ހާލަތު އުވާލާފައި ވަނީ 2021 މާރިޗު 28 ވަނަ ދުވަހުގެ ހަވީރު 5:52 ގައެވެ. އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ މޮނިޓަރިންގެ ހާލަތު އުވާލެވުނީ އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުންކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އެރަށުން ޕޮޒިޓިވް ވި ކޭސްއާއި ގުޅިގެން ނެގުނު ހުރިހާ ސާމްޕަލްތަކަކާއި، މިހާތަނަށް ނެގުނު ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވެފައިވާކަމަށެވެ.