ކ. ދިއްފުށިން އިތުރު 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މިރޭގެ 19:10 އާއި ހަމައަށް އެރަށުގެ ތަފާސް ހިސާބުތައް އާންމު ކުރަމުން ދިއްފުށީ ހެލްތު ސެންޓަރުން ބުނީ، މިއަދު އެރަށުން އިތުރު 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެހެންކަމުން މިހާރު އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 31 އަށް އަރާފައެވެ.
މި މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި، ފަތުރުވެރިއެއްކަމަށްވެސް އެ ސެންޓަރުން މަޢުލޫމާތު ދެއެވެ.
ދިއްފުށިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 3 ގައި ރ. އުނގޫފާރަށް ދަތުރު ކޮށްފައިވާ ދެ އަންހެނުންކަމަށެވެ. ޑޮކްޓަރަށް ދައްކަން އުނގޫފާރަށް ދިޔަ އެ ދެމީހުން އެނބުރި ދިއްފުއްޓަށް އައިސްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
ދިއްފުށިން ކޮވިޑްގެ ކޭސްއެއް ފެނި، މިމަހުގެ 23 ވަނަ ދުވަހު އެ ރަށް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.
މިއަދު ދިއްފުށިން ޕޮޒިޓިވްވި 31 މީހުންގެ ތެރޭގައި ހިމެނެނީ އުނގޫފާރު ކޭސްއާއި ގުޅުން ހުރި 30 ފަރާތަކާއި، ދިއްފުށީ ގެސްޓްހައުސްއަކަށް ދިޔަ ފަތުރުވެރިއެކެވެ.
އުނގޫފާރުން ކޮވިޑު-19 އަށް ފުރަތަމަ ޕޮޒިޓިވްވީ، ކަރަންޓީންގައި ނެތް އަންހެނެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޢަލާމާތްތައް ފެނިގެން ކޮވިޑަށް ޓެސްޓްކުރުމުންކަމަށެވެ.




