ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިއްފުށީގައި މިހާރު ފެށި ބިން ހިއްކުމުގެ މަޝްރޫޢު އެއް އަހަރު ތެރޭގައި ނިންމަވާނެކަމުގެ ޔަޤީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. މި މަޝްރޫޢާއެކު ރަށުގެ ބިން ދެގުނަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިކަން ހާމަކުރެއްވީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ދިއްފުށީގެ ތަރައްޤީއަށް މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަންކަންވެސް ޙިއްސާކުރައްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިއްފުއްޓަކީ އާބާދީއާއި އިޤްތިޞާދީ ހަރަކާތްތައް އިތުރުވަމުންދާ ރަށަކަށްވުމާއެކު ބިން އިތުރުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދުކަމަށެވެ. ބިމުގެ ޖާގަ ނެތުމުގެ ސަބަބުން ރައްޔިތުން އުޅެންޖެހިފައިވާ ނިކަމެތި ޙާލަތު ނިމުމަކަށް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން ރަށުގެ ބިމުގެ ޖާގަ ދެގުނަ އިތުރުވެ، ޢުމްރާނީ އެތައް ފުރުޞަތެއް ހުޅުވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިރަށަކީ 27 ހެކްޓަރުގެ ރަށެއް. ރަށަށް އިތުރު 23 ހެކްޓަރު މި މަޝްރޫޢުގައި އެބަ އިތުރުކުރެވޭ. އަޅުގަނޑު ދޭ ޔަގީންކަމަކީ މި މަޝްރޫޢު 1 އަހަރުދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން. މަސައްކަތް ފަށާފަވާއިރު މަޝްރޫޢު ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް ބިން ހިއްކާ، ހިއްކާ ސަރަޙައްދު ޙިމާޔަތްކޮށް 1 އަހަރުން ނިންމާނަން." ރައީސް ވިދާޅުވިއެވެ.
މި ބިން ބޭނުންކުރާނީ ބޯހިޔާވަހިކަމާއި ރަށު ފަތުރުވެރިކަމާއި ރަށުގެ ޢުމްރާނީ ތަރައްޤީއަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ދިއްފުއްޓަކީ ރަށު ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށަކަށްވުމާއެކު، ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މާރޗް މަހުގެ ކުރިން ދިއްފުށީގައި އޭޓީއެމް ބަހައްޓާ ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތުގައި މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ޚާއްސަ ކްލާސްރޫމްވެސް ހިމަނާނެއެވެ. އަދި މި އަހަރު ތެރޭގައި ރަށުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް ޢަމަލީގޮތުން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފެން ހިންދާ ރަނގަޅު ނިޒާމަކާއެކު ރަށުގެ މަގުތައް ތަރައްޤީކުރުމާއި ވޮލީ ކޯޓަކާއި ހޭންޑް ބޯލް ކޯޓެއްވެސް ތަރައްޤީކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ސިއްޙީ ދާއިރާއިން، ރަށުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ކުރިއަށްދާނެއެވެ. އެކަމަށް ބޭނުންވާ ޑޮކްޓަރުންނާއި އެޓެންޑެންޓުން ހޯދުމަށް ބަޖެޓުކޮށްފައިވާކަމަށާއި، އިތުރު ޖާގަ ސިއްޙީ މަރުކަޒަށް އިތުރުކޮށް އެކްސްރޭއާއި ސްކޭންގެ ޚިދުމަތްފަދަ ޚިދުމަތްތައް ދޭން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ސްޕޯޓް ފިޝިންއަށް މަގުފަހިކުރުމަށް ރަށް ކައިރީގައި ބޮއެއެއް އެޅައިދޭނެކަމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.




