ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އިތުރު މޫސުން ގޯސްވެ، މުސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ދާދި ދެންމެ ޔެލޯ އެލާޓް ނެރެފައިވަނީ ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.
މިއަދު ހެނދުނުގެ 10:00 އިން މެންދުރު 14:00 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތު މިސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށެވެ.
Alert Yellow for torrential rain, thunderstorms with strong winds of 25 - 30 mph, gusting to 55 mph and rough seas. pic.twitter.com/0ki2knA4GY
— Maldives Meteorology (@MetMaldives) March 29, 2021
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ، އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި. ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ. ކަނޑުތައް ދެކުނާއި މެދުރާއްޖެތެރޭގައި ގަދަވާނެ، އުތުރުގައި އާދައިގެެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ." މެޓް އޮފީހުން ވިދާޅުވިއެވެ.
ރާޅުގެ އުސްމިން އުޅޭނީ ދެކުނާއި މެދުރާއްޖެތެރޭގައި 5 - 8 ފޫޓު، އުތުރުގައި 2 - 5 ފޫޓުގައި ކަމަށާއި ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް. ކަމަށްވެސް މެޓްއޮފީހުން ވިދާޅުވިއެވެ.
"ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ދަންނަވަން" މެޓް އޮފީހުން ވިދާޅުވިއެވެ.




