ކޮވިޑް-19 އަށް ހަތް މީހަކު ޕޮޒިޓިވުވުމާއި ގުޅިގެން އޮސްޓްރޭލިއާގެ ބުރިސްބަން ސިޓީ ލޮކްޑައުން ކޮށްފިއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ބުރިސްބަން ސިޓީ ލޮކްޑައުން ކޮށްފައިވަނީ ތިންދުވަހުގެ މުއްދަތަށެވެ. މި ލޮކްޑައުން ފެށޭނީ އޮސްޓްރޭލިއާ ގަޑިން މިއަދު ހަވީރު 17:00 ގައެވެ.
އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ސްޓޭޓުގެ އެންމެ ބޮޑު އަދި ކެޕިޓަލް ސިޓީ ބުރިސްބަންއަކީ ދެމިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ސިޓީއެކެވެ. މި ސިޓީވަނީ މިއަހަރުގެ ޖެނުއަރީމަހުވެސް ލޮކްޑައުން ކޮށްފައެވެ. އެފަހަރު ލޮކްޑައުންކޮށްފައިވަނީ ކޮވިޑް-19ގެ އެންމެ ކޭސްއެއް ފެނުމާއި ގުޅިގެންނެވެ.
ބުރިސްބަން ސިޓީއިން އެންމެފުރަތަމަ މިފަހަރު ކޭސްތައް ފެއްނަންފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިއީ މަސްދުވަހުގެތެރޭ އޮސްޓްރޭލިއާއިން ލޯކަލް ޓްރާންސްމިޝަން ކޭސްތަކެއް ފެނުނު ފުރަތަމަ ފަހަރެވެ. އޮސްޓްރޭލިއާގެ ސިއްހީ ފަރާތްތަކުން މިހާރު އައްނަނީ މި ޓުރާންސްމިޝަން ފެށުނުގޮތް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.
އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ލޮކްޑައުންކުރާނެކަން އިއުލާން ކުރުމާއެކުހެން އާންމުންވަނީ ކާބޯތަކެތި ގެތަކަށް ޖަމާކުރުމަށް އަވަސްވެގަނެފައެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އުންމީދުކުރާ ގޮތުގައި ތިންދުވަހަށްފަހު ބުރިސްބަން ސިޓީ ހުޅުވާލެވޭނެއެވެ.