ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ގުޅުން ބަދަހިކުރުމަށް، ދެ ޤައުމުގެ އިސް އޮފިޝަލުންގެ ދެވަނަ މަޝްވަރާ ބައްދަލުވުން އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، ޚާއްޞަގޮތެއްގައި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
މި ބައްދަލުވުން ރާއްޖޭގެ ފަރާތުން ކޯ ޗެއަރ ކޮށްދެއްވީ ބައިލެޓެރަލް ސެކެރެޓަރީ ޑރ. ހާލާ ޙަމީދެވެ. އަދި އޮސްޓްރޭލިއާގެ ފަރާތުން ކޯ ޗެއަރ ކޮށްދެއްވީ އެ ޤައުމުގެ ޚާރިޖީއްޔާގެ ފަސްޓް ސެކެރެޓަރީ ސޭރާ ސްޓޯރީއެވެ. ދެ ޤައުމުގެ އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ، އޮސްޓްރޭލިއާގެ ދިފާޢީ ވުޒާރާގައި ކުރިއަށްދިޔަ ޑިފެންސް ޕޮލިސީ ޓޯކްސްއާއި އެކުގައެވެ.
ދެ ޤައުމުގެ ޚާރިޖީއްޔާއިން ގުޅިގެން ނެރުނު ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުން، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސަރަހައްދީގޮތުން ހަމަޖެހުން ޤާއިމްވެފައިވާ އިންޑިއާ ކަނޑުގެ ސަރަހައްދެއް ދެމި އޮތުމަށް މަސައްކަތް ކުރުމެވެ. މަޝްވަރާކުރެވުނު މުހިންމު ދާއިރާތަކުގެ ތެރޭގައި ޤައުމީ ސަލާމަތާއި، އިޤްތިޞާދީ ފާގަތިކަމާއި، ދިމިޤްރާތީ އަދި ހިންގުމުގެ ނިޒާމުގެ އިތުރުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޚްތިރާމްކުރުން ހިމެނެއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، މިންތީގެ ކަންކަމާއި، ބައިނަލްއަޤްވާމީ ގޮތުން ރޭވިގެން ހިންގޭ ކުށްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ދެ ޤައުމުން ވަނީ އިސްކަންދީފައެވެ.
އޮސްޓްރޭލިއާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމުގެ ތެރެއިން، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އދ.ގެ ތަރައްޤީގެ ޕްރޮގްރާމާއި ބްލޫ ކާބަން ހަބް ޕްރޮގްރާމްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންދާކަން ބަޔާނުގައި ފާހަގަކުރިއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި، އިސްތިޤްލާލު ރައްކާތެރި ކުރުމަށްޓަކައި އޮސްޓްރޭލިއާއިން ހަދިޔާކުރަން ނިންމާފައިވާ ގާޑިއަން ކްލާސް ކަނޑުގެ ސަރަހައްދު ބަލަހައްޓާ ބޯޓުތައް ފޯރުކޮށްދިނުމަކީ މުހިންމު ފިޔަވަޅެއް ކަމަށް ދެ ޤައުމުން އެއްބަސްވިއެވެ. މި ބޯޓުތައް ހަދިޔާކުރާނެކަން އިއުލާންކުރެވުނީ މިދިޔަ ޖޫން މަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރިޗާޑް މާލްސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
ދިވެހި ޚާރިޖީއްޔާއިން ވިދާޅުވާ ގޮތުގައި، މިފަދަ ބައްދަލުވުންތައް ބޭއްވުމަކީ ދެ ޤައުމުގެ ގުޅުން ބަދަހިވަމުންދާކަން ދައްކުވައިދޭ ކަމެކެވެ. ރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން ޤާއިމްކުރިތާ 50 އަހަރު ވެފައިވާއިރު، 2023 ވަނަ އަހަރު މާލޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން، އޮސްޓްރޭލިއާއިން ވަނީ މިވީ 60 އަހަރުގެ ތެރޭގައި 750 އާއި ގާތް ކުރާ އަދަދަކަށް ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕް އެވޯޑް ދީފައެވެ. މި ބައްދަލުވުމުގެ ސަބަބުން ދެ ޤައުމުގެ މަތީ ތަޢުލީމުގެ އިދާރާތަކުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ޔަޤީންކަން ލިބިފައިވާ ކަމަށްވެސް ދިވެހި ސަރުކާރުން ހާމަކުރައްވައެވެ.



