އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުން ފެށިގެން، އެސްޓްރަޒެނެކާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ދޭން ފެށީ، ފެބުރުއަރީ މަހުގެ1 ވަނަ ދުވަހުއެވެ.
ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިނާއި ޗަައިނާ އިން އުފެއްދި ސިނޮފާމް ވެކްސިނެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ނިންމައިފައި އޮތީ ވެކްސިން ޖަހާތާ 8 ހަފްތާ ފަހުންނެވެ. އަދި ސައިނޯފާމްގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފްތާ ފަހުންނެވެ.
ރާއްޖޭގެ ވެކްސިން ދެވޭ އާބާދީގެ 47 ޕަސެންޓަށް މިހާރު ވެކްސިން ދީފައިވާއިރު، އޭގެ ބޮޑުބައެއް ޖަހާފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެ އިން 235،682 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ.



