ދުނިޔޭގެ ނަން މަޝްހޫރު މީސްމީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަކީ އާކަމެއް ނޫނެވެ. އެގޮތުން މިހާރުވެސް ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ ބަޔަކު ދަނީ ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުން އުފާ ހޯދަމުންނެވެ. ފިލްމީ ތަރިންނާއި ކުޅުންތެރިންނާއި ބޮޑެތި ވިޔަފާރިވެރިންގެ އެތައް ބަޔަކު މިހާރު ވެސް ތިބީ ރާއްޖޭގަ އެވެ. ރާއްޖެ އަށް އައުމަށް އަދިވެސް އެތައް ބަޔަކު ދާނީ ފޮށިތަންމަތި ބަންނަމުންނެވެ.
މިގޮތުން ޒީ ޓީވީގެ މަޝްހޫރު ސީރީޒެއް ކަމަށްވާ ގަބޫލު ހޭ އިން ބެލުންތެރިންގެ ތެރެއަށް މަޝްހޫރު ވެފައިވާ ސުރުބީ ޖޯތީ ވެސް ރާއްޖެ މިހާރު ހުރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގައެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ސުރުބީ ޗުއްޓީ ހޭދަކުރުމުންދަނީ ދަ ސްޓޭންޑާޑް މޯލްޑިވްސް ރިސޯޓުގައެވެ.

ސުރުބީގެ އިތުރުން ބޮލީވުޑުގެ މަޝްހޫރު ތަރި، މަދޫރީ ޑިކްސިޓްވެސް މިވަގުތު ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
"ހެލޯ ފްރޮމް ޕެރަޑައިޒް" ޖެހުމަށް ފަހު މަދޫރީ، އިންސްޓަގްރާމު މެދުވެރިކޮށް ދޫކޮށްލި ފޮޓޯ އިން ފެންނަނީ ސޮނެވާ ޖާނީގައި އޭނާ ޗުއްޓީ ހޭދަކޮށްލަން އައިސް އުޅޭ މަންޒަރެވެ.

އެއާއެކު ރާއްޖެއަށް މަރުހަބާ ކިޔާއި، އިންޑިއާގެ މަޝްހޫރު ކޮރެއޯގްރާފަރު، ފަރާހް ހާން ވެސް ކޮމެންޓްކުރި އެވެ. މިވަގުތު ފަރާހް ވެސް އޭނާގެ ދަރިންނާއެކު ހުރީ ރާއްޖޭގަ އެވެ. އޭނާ ވެސް އަންނަނީ ޗުއްޓީގެ މަންޒަރުތައް ސަޕޯޓަރުންނަށް ހިއްސާކުރަމުންނެވެ.




