ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަމުން ދާތީ އޭނާ ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފައި ވިޔަސް ޖޭއެސްސީގެ ނިންމުން ދެމި އެބަ އޮތް ކަމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
އެކޮމިޝަނުން މިިރޭ ނެރުނު ބަޔާނުގައި ވަނީ ފަނޑިޔާރު އަބްދުﷲދީދީ އާ ގުޅޭގޮތުން ނިންމި ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށެވެ.
ސްޕްރީމް ކޯޓުގެ އަމުރު ބަލައިނުގަންނަން ޖޭއެސްސީ އިން ފާސްކޮށްފައިވަނީ މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
"މިކޮމިޝަނުގެ 13 ޖޫން 2019 ދުވަހު ބޭއްވުނު ކުއްލި ޖަލްސާގައި ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-VA-J/02 އަމުރަކީ ޤާނޫނު އަސާސީގެ 159 (ށ) އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) އިން ލިބިދީފައިވާ ބާރަށް ހުރަސްއެޅޭގޮތަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބަށް ހުރަސްއަޅާ އަމުރެއްކަމަށާއި، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން 12 ޖޫން 2019 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާ ގުޅޭގޮތުން ނިންމި ކޮމިޝަނުގެ ނަންބަރު JSC-B-CB/2019/110 (12 ޖޫން 2019) ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށެވެ." ޖޭއެސްސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.




