ކޯޓުތަކުގެ މަސައްކަތް ޑިޖިޓަލައިޒްކުރުމަށް ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ މަސައްކަތް ޑިޖިޓަލައިޒްކުރުމަށްޓަކައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ނިޒާމު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ތަޢާރަފުކުރި މި އައު ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ "ދިވެހިރާއްޖެ 2.0" ގެ ތަޞައްވުރަށް ވާޞިލުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެކެވެ. މި ނިޒާމު އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށާފައިވަނީ ކްރިމިނަލް ކޯޓުގައެވެ.

ޑީޖޭއޭއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ނިޒާމު ފަރުމާކޮށްފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި މި ނިޒާމު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމާ ގުޅުވާލެވިފައިވާތީ، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަ ހުށަހެޅުމުގެ މަގު ފަހިވެގެންދާނެއެވެ.

"މި ނިޒާމުގެ ސަބަބުން އިދާރާތަކުގެ މެދުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަދަލުކުރުމުގައި ލުއިފަސޭހަތަކެއް ލިބި، މައްސަލަ ރަޖިސްޓްރީކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" ޑީޖޭއޭއިން މިފަދައިން ވިދާޅުވިއެވެ.

މި ޑިޖިޓަލް ނިޒާމުގެ އިތުރު ފައިދާތަކުގެ ތެރޭގައި މައްސަލަ ރަޖިސްޓްރީކުރުމުގައި މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރެވުމާއި، މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ ވަނަވަރު ފަސޭހަކަމާއެކު ކަށަވަރުކުރެވުން ހިމެނެއެވެ. އަދި ކޯޓުތަކުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކުރެވުމުން ކޯޓުތަކުގެ ޖާގައިގެ ދަތިކަން ޙައްލުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ