މި އަހަރުގެ ދެވަނަ ކުއާޓަރގައި ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތައް އަންނަން ފަށާނެކަމަށް ބެލެވޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާލުވެއްޖެއެވެ.
މަބްރޫކް މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުންނާއި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާއި މަޝްރޫޢުތަކާ ގުޅޭ ފަހުގެ މަޢުލޫމާތުތައް މީޑިއާއާއި ޙިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
މިވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތްގޮތުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަ ފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ ނިމިދިޔަ 2020 ވަނަ އަހަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއާ އަދި މުޅި ދުނިޔެއަށް ކުރިމަތިވި ދަތިއުނދަގޫ ޙާލަތާއެކު މިއިން ޒަމާނަކުވެސް ރާއްޖެ ތަޙައްމަލު ނުކުރާހާ މިންވަރަށް އިޤްތިޞާދީގޮތުން ދަތި ޙާލަތެއް ތަޙައްމަލުކުރަން ޖެހުނު އަހަރެއްކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދު 26 އިންސައްތައާ 29 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް ދަށަށް ދިޔަކަމަށާއި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރ ނިންމާލިއިރު، ރާއްޖެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަން ފަށާފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެނދުގެ 80 އިންސައްތަ އޮޕަރޭޝަނަލައިޒްވެފައި ވާކަމަށާއި އެހެންކަމުން މި އަހަރުގެ ދެވަނަ ކުއާޓަރގައި ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތައް އަންނަން ފަށާނެކަމަށް ބެލެވޭކަމުގައި މަބްރޫކް ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ހާމަކުރައްވަމުން މަބްރޫކް ވިދާޅުވީ ފާއިތުވި 2 އަހަރަކީ ރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުހިންގާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދިޔަ ދެ އަހަރު ކަމަށާއި އަދި މި ވަގުތަކީ އެންމެ ގިނަ މަޝްރޫޢު ކުރިޔަށްދާ ވަގުތުކަމަށެވެ.
އެގޮތުން މިހާރުވެސް މި ސަރުކާރުގެ ޖުމްލަ 1200 އަށްވުރެ ގިނަ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާކަމަށާއި ފާއިތުވި މަސްދުވަހުގައި 9 މަޝްރޫޢެއް ނިމި 7 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށިފައިވާކަމުގައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކުގެ އެކްސްޓެންޝަން، ފެރީ ޓާރމިނަލްތައް މަރާމާތުކުރުމާއި ބަނދަރުތަކާއި ޖިމްތައް ހެދުންފަދަ މަޝްރޫއުތައް ހިމެނޭކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެތައް ޒަމާނެއްވެ ފުނިޖެހި ނެގޭނެ ގޮތެއް ނެތިފައިހުރި ކުނިތައް ނެގުމުގެ މަޝްރޫޢެއް ފެށިގެން ކުރިޔަށްދާކަންވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.
ރަށްރަށުގެ ކުނިނައްތާލުމުގެ ނިޒާމަށް ރަނގަޅު ބަދަލެއް ގެނައުމަށް ކުރެވޭ މި މަސައްކަތުގެ ދަށުން 8 ރަށެއްގެ މަސައްކަތް ނިމި 6 ރަށެއްގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި އަދި އިތުރު 6 ރަށެއްގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ރޭވިފައިވާކަމުގައި މަބްރޫކް ވިދާޅުވިއެވެ.



