ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުންދާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރުމުން، ކަރަންޓީވުމެއް ނެތި ރާއްޖޭގެ އެތެރޭގައި ދަތުރުތައް ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް މިކަން ހާމަކުރިނަމަވެސް، ވެކްސިންގެ ދެވަނަ ޑޯޒަށްފަހު ދަތުރު ކުރެވެނީ ސީދާ ކިތައް ދުވަސް ފަހުން ކަން އަދި ނިންމާފައި ނުވާކަމަށްވެސްވަނީ ވިދާޅުވެފައެވެ. ނަމަވެސް ވިދާޅުވީ، ދެވަނަ ޑޯޒަށްފަހު އެތެރޭގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ކެމްޕެއިން ފަށައިފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. މި ކެމްޕެއިންގެ ދަށުން މުޅި ޖުމްލަ މިހާތަނަށް 235،682 މީހުންނަށް ވެކްސިންވަނީ ދީފައެވެ. މިހާތަނަށް މުޅި ޖުމްލަ މާލޭ އޭރިއާއިން 130،376 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭ ރައްތަކުން މުޅި ޖުމްލަ ވެކްސިން ދިންމީހުންގެ އަދަދަކީ 105،306 އެވެ.
މީގެއިތުރުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ހޯދަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެ ފައިސާ ހޯދަން އާބިޓްރޭޝަނަށް ދާން ދިވެހި ސަރުކާރުން ނިންމާފައިވާކަމަށެވެ.
"މި އާބިޓްރޭޝަންގެ އާބިޓްރޭޝަނަކަށްވާނީ ރާއްޖޭގެ އާބިޓްރޭޓާއެއް. އަދި މި މައްސަޅާގައި އަޅުގަނޑުމެން މި އެދެނީ މި އެގްރިމަންޓާއި ޚިލާފްވެފައިވާކަަމަށްދެކި މިކަމަށް ދެއްކި ފައިސާ އަނބުރާ ހޯދަން. އެޓަރނީ ޖެނެރަލް އަޅުގަނޑުގާތު ވިދާޅުވި، މިކަހަކަ އިންޓަރނޭޝަނަލް އާބިޓްރޭޝަންތަކުގައި އިންޓަރނޭޝަނަލް ކޮންވެންޝަންތައް ހުރެއޭ. ޓްރީޓީތައްވެސް ހުރޭ. މިގޮތުން ރާއްޖެއަކީ ނިއުޔޯކް ޓްރީޓީގެ ބައިވެރިއެއް. އަދި ޔޫއޭއީ އަކީވެސް ނިއުޔޯކް ޓްރީޓީގެ ބައިވެރިއެއް. މި މައްސަލަ ނިމޭގޮތަކުން އެމައްސަލަ ތަންފީޒް ކުރުމުގައި ބައިނަލްއަޤްވާމީ ޓްރީޓީތަކާއި ޖަމާއަތްތަކުން މަސައްކަތްކޮށްދޭނެ. ކުރާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ މިހާރު އެފައިސާ އަނބުރާ ރާއްޖެއަށް ހޯދުން." މަބްރޫކް ވިދާޅުވިއެވެ.




