މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމާފައެއް ނުވޭ: މަބްރޫކް

ކޮވިޑު-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ފުރަބަންދުކުރަން އަދި ނިންމާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، ހާލަތު ގޯސްވުމުގެ ސަބަބަބުން މި ހަފުތާގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ބަންދުކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އެގޮތުން އެފަދަ ނިންމުމެއް އަދި ނިންމާފައިނުވާކަމަށް މިރޭ ކުރެއްވި ޓްވީޓެއްގައި މަބްރޫކްވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މިބަލިން ރައްކާތެރިވުމަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް މިހާރުވަނީ ވަރުގަދަ ކޮށްފައެވެ.

އެގޮތުން ހަވީރު 4:00ން ފެށިގެން ފަތިހު 4:00ށް، މާލޭ ސަރަޙައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުމަކީ މިހާރު މަނާކަމެކެވެ. އަދި ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ހުއްޓައިލުމަށް އަންގާފައިވާއިރު، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް ހުއްޓައިލުމަށްވަނީ އަންގާފައެވެ. އަދި ކާފިއު ވަގުތުގައި ޓޭކްއަވޭގެ ޚިދުމަތެއް ނުދެވޭނެކަމުގައި އެޗްޕީއޭއިން މާލޭ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގައި ވެއެވެ.

ވެރިރަށް މާލޭގެ އިތުރުން މުޅި ރާއްޖޭގައިވެސް ކޮވިޑް-19 އަންނަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ މަތިވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ