އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް-19 ވެކްސިން އުމުރުން12 އަހަރާއި15 އަހަރާއި ދެމެދުގެ ކުދިންނަށް ދިނުމުން އެކުދިން ކޮވިޑުން މުޅިން ރައްކާތެރިކޮށްދޭކަމަށް އެ ދެ ކުންފުނިން ބުނެފިއެވެ.
ފައިޒާ އާއި ބަޔޯއެންޓެކްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ 2،260 ކުދިންނަށް މި ވެކްސިން ދީގެން ފޭސް ތްރީގެ ޓްރެއިލްސް މިހާރު ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މި ޓްރެއިލްސްގެ ނަތީޖާއަށް ބަލާއިރު 100 އިންސައްތަ ކޮވިޑް-19 އިން ވެކްސިން ރައްކާތެރިކަން ހޯދައިދީ ދިފާއީ ނިޒާމު ބައްޔާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފައްކާކުރާކަމަށެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ފައިޒާ ކުންފުނީގެ ޗީފް އެކްސްކިއުޓިވް އަލްބާޓް ވިދާޅުވީ، ފޭސް ތްރީ ޓްރެއިލްސްގެ ނަތީޖާ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއަށް ހުށަހަޅައި އެމެރިކާގައި ވެކްސިން ޖެހުމަށް ހުއްދަ ދޭ އުމުރު 12އަށް ތިރި ކުރުމަށް އަންނަ ހަފްތާގައި އެދޭނެކަމަށެވެ. އަދި އުންމީދުކުރަނީ ތައުލީމީ އާއަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މި އުމުރުފުރާގެ ކުދިންނަށް ވެކްސިންދޭން ފެށުމަށް ކަމަށެވެ.
ފައިޒާ އާއި ބަޔޯއެންޓެކްއިން އިން އުފެއްދި ކޮވިޑް-19 ވެކްސިން އުފެއްދުމުގައި ބޭނުންކޮށްފައިވަނީ ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސްގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަސްއާ ދެކޮޅަށް ދިފާއީ ބާރު އުފެދެއެވެ. އަދި އެއްވެސް ގޮތަކުން ހަށިގަނޑު ތެރެއަށް ކޮރޯނާވައިރަސް ވަދެއްޖެ ނަމަ، އެ ގިނަވިޔަނުދީ، ބާރު ދެރަކޮށް، ނައްތާލަ އެވެ. މިއީ މީގެ ކުރިން އަދި އެއްވެސް ވެކްސިނެއް ތައްޔާރުކޮށްފައިނުވާ އުކުޅެކެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގައި އެންމެ ގިނައިން ބޭނުން ކުރަމުން ގެންދަނީ ފައިޒާ ވެކްސިނެވެ. މިގޮތުން 69 ގައުމެއްގައި ފައިޒާ ވެކްސިން ބޭނުން ކުރަމުން ގެންދާއިރު ދެވަނައަށް އެންމެ ގިނައިން ބޭނުންކުރަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި ސްވިޑްން ގުޅިގެން އުފައްދާފައިވާ އެސްޓްރަޒެނެކާ ވެކްސިންއެވެ. މި ވެކްސިން 62 ގައުމަކުން ބޭނުން ކުރަމުން ގެންދެއެވެ. ތިންވަނައަށް އެންމެ ގިނައިން ބޭނުންކުރަނީ އެމެރިކާއިން އުފައްދާފައިވާ މޮޑާނާ ވެކްސިން އެވެ. އެ ވެކްސިން 30 ގައުމަކުން ބޭނުންކުރަމުން ގެންދެއެވެ.