މޫސުން ގޯސްވެ ދެކުނުގެ 7 އަތޮޅަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
އެލާރޓް ނެރެފައިވަނީ މ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ.
މިރޭގެ 20:30 ން ދަންވަރު 01:30 އަށް ނެރެފައިވާ މިއެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ މި 7 އަތޮޅަށްވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުގެ މި އެލާރޓްގައި ބުނެފައިވެއެވެ.
Alert White for heavy rain, thunderstorms and gusts of 40 mph. pic.twitter.com/nNsIn9MVHV
— Maldives Meteorology (@MetMaldives) March 31, 2021
މިރޭ 08:00 އިން މާދަމާ ރޭގަނޑު 08:00 އަށް މޫސުން ލަފާކޮށް މެޓްއޮފީހުން ބުނެފައިވަނީ، މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރުމާއެކު ގުގުރުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
"ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނެއްގައި، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށާއި، މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ އަދި އުތުރުގެ ކަނޑުތައް މަޑު ވާނެކަމަށްވެސް ބުނެފައިވާއިރު، ރާޅުގެ އުސްމިނުގައި ދެކުނުގެ އަތޮޅުތަކުގައި 5 - 7 ފޫޓު އުޅޭއިރު، މެދުރާއްޖެތެރޭގައި : 3 - 5 ފޫޓު އަދި އުތުރު އަތޮޅުތަކުގައި : 1-3 ފޫޓު ހުރުންވެސް އެކަށީގެންވާކަމަށްވެސްވަނީ ބުނެފައެވެ.
އަދި ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.




