ކޮވިޑް-19 އިން ރައްކައުތެރިވުމަށް ޅ.ނައިފަރުގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެގޮތުން ނައިފަރުގައި އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި، ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ގެ މަގުމައްޗާއި
ނުކުމެ އުޅުން ހުއްޓައިލުމާއި، އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމާއި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމުގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.
އަދި ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުންވެސް ހިމެނެއެވެ.
ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އިލްތިމާސްކޮށްފައިވާއިރު، ފިރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށްވެސްނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލަންވެސް އެޗްޕީއޭއިންވަނީ އަންގާފައެވެ.
މި ޚާއްސަ ފިޔަވަޅުތައް ހަތް ދުވަހުގެ މުއްދަތަކަށް އެރަށުގައި އަޅަންް އެޗްޕީއޭއިންވަނީ އަންގާފައެވެ.
އެރަށުން ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ ރ. އުނގޫފާރަށް ދަތުރު ކޮށްފައިވާ ޞިއްޙީ ދާއިރާގެ މީހެކެވެ. އޭގެ ފަހުން އެކޭސްއާއި ގުޅުން ހުރި ގިނަ ބަޔަކު އަންނަނީ ޕޮޒިޓިވް ވަމުންނެވެ.
ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުގެ ކޮވިޑް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 72 އަށް އަރާފައެވެ.




