އެސްޓްރާޒެނަކާ ވެކްސިން ޖެހިފަހުން ލޭގަނޑުވެގެން އިނގިރޭސިވިލާތުން މަރުވިމީހުންގެ އަދަދު ހަތަކަށް

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީ އާއި ސްވިޑްންގެ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ އެސްޓްރާޒެނެކާ ވެކްސިން ޖެހިފަހުން ލޭގަނޑުވުމުގެ މައްސަލަ ދިމާވެ ހަތްމީހުން މަރުވެފައިވާކަމަށް މެޑިސިން އެންޑް ހެލްތްކެއާ ޕްރޮޑަކްޓް ރެގިއުލޭޓަރީ އެޖެންސީ އިން ބުނެފިއެވެ.

އެސްޓްރާޒެނެކާ ވެކްސިން ޖެހި 18 މިލިއަން މީހުންގެ ތެރެއިން މިހާތަނަށް 30 މީހަކަށް ލޭގަނޑުވުމުގެ މައްސަލަ ކުރިމަތިވެފައި ވީނަމަވެސް ލޭގަނޑުވުމުގެ މައްސަލަ ކުރިމަތިވަނީ ސީދާ ވެކްސިނާއި ގުޅިގެންކަން ހޯދިފައެއް ނުވެއެވެ.

މެޑިސިން އެންޑް ހެލްތްކެއާ ޕްރޮޑަކްޓް ރެގިއުލޭޓަރީ އެޖެންސީ އިން ބުނެފައިވަނީ އެސްޓްރާޒެނެކާ ވެކްސިން ޖަހައިގެން ލިބިދާނެ ގެއްލުމަކަށްވުރެ ވެކްސިން ޖެހުމުން ލިބޭނެ ފައިދާތައް ބޮޑުކަމަށް މިހާތަނަށް ހޯދިހޯދުންތަކުން ދައްކާ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖުމުއިއްޔާ އިންނާއި ޔޫރަޕިއަން މެޑިސިންސް ރެގިއުލޭޓްރީ އޮތޯރިޓީއިންވެސް މިބުނުމަށްވަނީ ތާއީދުކޮށް ވެކްސިން ޖެހުމަށް ބާރުއަޅައިފައެވެ.

ނަމަވެސް އެސްޓްރާޒެނެކާ ވެކްސިނާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން ޔޫރަޕުގެ ގައުމުތަކުން ވެކްސިން ދިނުމުގައިވަނީ ހިފެހެއްޓުންތަކެއް ގެންގުޅެން ފަށައިފައެވެ. ޖަރުމަން، ފުރާންސް، ނެދަލެންޑްސް، އަދި ކެނެޑާއިން އެސްޓްރާޒެނެކާ ވެކްސިން މިވަގުތު ހަމައެކަނި ދެމުން އަންނަނީ އުމުރުން ދުވަސްވީ ފަރާތްތަކަށެވެ.

އެސްޓްރާޒެނެކާ ވެކްސިން ޖެހުމުން ބައެއްމީހުންނަށް ދިމާވާ މައްސަލައަކީ ސިކުޑިއާ ގުޅިފައިވާ ބައެއް ލޭނާރުތަކުގެ ލޭގަނޑުވުމުގެ މައްސަލަ ނުވަތަ "ސެރޭބްރަލް ވެނުއަސް ސައިނަސް ތްރޮމްބޯސިސް" (ސީވީއެސްޓީ) ކަމަށް ޖަރުމަނުގެ ސައެންސްވެރިންގެ ޓީމަކުންވަނީ ބުނެފައެވެ. އެސްޓްރާޒެނެކާ ވެކްސިން ޖެހި ގައުމުތަކުގެ ތެރެއިން މިމައްސަލަ ފާހަގަކުރެވުނީ ބޮޑަށް ޔޫރަޕްގެ ގައުމުތަކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ