އެމް.ޑަބްލިޔު.އެސް.ސީ އިން ދުވާފަރުގައި އައިސް ވިއްކާ އަގު ހެޔޮކޮށްފި

މޯލްޑިވިސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރ. ދުވާފަރުގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުން ވިއްކާ އައިސްގެ އަގު ހެޔޮކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި އައިސް ވިއްކާ އަގަށް މި ގެނެވުނު ހެޔޮ ބަދާލާއި އެކު، ޖީ.އެސް.ޓީ އާއެކު، މިހާރު އައިސް ޓަނެއް ވިއްކާ އަގަކީ 1،050 ރުފިޔާ އެވެ.

ކުރިން އައިސް ޓަނެއް، ޖީ.އެސް.ޓީ އާއެކު، ވިއްކަމުން އައީ 1،275 ރުފިޔާއަށެވެ. ދުވާފަރުގައި އައިސް ވިއްކާ އަގު ހެޔޮކޮށްފައި މިވަނީ، ދުވާފަރާއި އަދި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަށްކޮށް، އާއްމުކޮށް ހުރިހާ ފަރާތްތަކަށް، އަދި ވަކިން ޚާއްސަކޮށް މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައިކަމަށްވެސް އެމްޑަބްލިއުއެސްސީންވަނީ ބުނެފައެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ  ރ. ދުވާފަރުގައި އައިސް ޕްލާންޓެއް ގާއިމްކޮށް، 2013 ވަނަ އަހަރުން ފެށިގެން އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުންނެވެ. މިއީ މަސްވެރިކަމާއި އަދި އެހެނިހެން ވިޔަފާރިތަކާ ވަރަށްބޮޑަށް ގުޅިފައިވާ ޚިދުމަތަކަށް ވުމާއި އެކު، އެމް.ޑަބްލިޔު.އެސް.ސީ އިން މި ޚިދުމަތް ފޯރުކޮށްދެމުން ދަނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާއްމު ޚިދުމަތެއްގެ ގޮތުގައި ދެކިގެންނެވެ. އަދި މަސްވެރިކަމަކީ އެތައް ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މަސައްކަތަކަށް ވެފައި، އިޤްތިސާދަށް އެހާމެ ފައިދާކުރަނިވި މަސައްކަތެއްކަމުން، މި ޚިދުމަތުގެ ޒަރީއާއިން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިއްސާ ކުރެވުމަކީ ކުންފުނިން ނުހަނު އުފަލާއި އެކު ފާހަގަ ކުރާ ކަމެކެވެ.

އަދި މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރު އައިސް ޕްލާންޓްއިން ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ޚިދުމަތްވެސް އެމްޑަބްލިއުއެސްސީން މިހާރު ގެންދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން އައިސް އަށް އޯޑަރ ކުރުމަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 22:00 އާއި ދެމެދު އެމް.ޑަބްލިޔު.އެސް.ސީ އައިސް ހޮޓްލައިން ނަމްބަރ 7999151 އަށް ގުޅުމަށްވެސް އެކުންފުނިންގވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ