ކ. ހުރާއިން އިތުރު 11 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މިރޭގެ 20:00 އާއި ހަމައަށް ހުރާގެ ކޮވިޑުގެ ހާލަތާއި ގުޅޭ މަޢުލޫމާތު ހާމަކުރަމުން ހުރާ ހެލްތު ސެންޓަރުން ބުނީ، މިއަދު އެރަށުން އިތުރު 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށާއި، އެއާއެކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 161 އަށް އަރާފައިވާކަމަށެވެ. އޭގެތެރެއިން 29 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާތަނަށް 779 ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 576 ސާމްޕަލްވަނީ ނެގެޓިވްވެފައެވެ. އަދި ނަތީޖާ ނުލިބޭ42 ސާމްޕަލް ވާކަމަށްވެސް ހުރާ ހެލްތު ސެންޓަރުން މަޢުލޫމާތު ދެއެވެ.
ކޮވިޑުގެ ނުރައްކާތެރިކަން ބޮޑުވެ ހުރާ މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ މާރޗްމަހުގެ 22 ވަނަ ދުވަހުއެވެ.
ހުރާ މޮނިޓަރިންގއަށް ލާފައިވަނީ އިތުރު ޓެސްޓެއް ހެދުމަށް އެރަށުން މާލެ ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އެމީހާގެ ކޮންޓެކްޓް ޓްރޭސިން ހަދައި ނެގި ސާމްޕަލް ތަކުން ގިނަ ބަޔަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 އިން ރައްކައުތެރިވުމުގެ ގޮތުން އެޗްޕީއޭއިން ހުރާގައި ޚާއްސަ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ. އެގޮތުން ހުރާގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަކީ:
- ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓާލުން.
- އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓައިލުން.
- އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.
- ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން.
- ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުން. އޭގެ ތެރޭގައި ޑެލިވަރީ ހިދުމަތް ނުހިމެނެ އެވެ.
- ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
- ކުޅިވަރު ގެހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން.
- ފިރާތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން.
- ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ބޭއްވުން ހުއްޓާލުން.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														 
														
