ކާބޯތަކެތީގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ކަށަވަރުކުރުމަށްޓަކައި މާލެ ސަރަހައްދުގައި ހިމެނޭ ހުރާގައި ވަކި ސަރަހައްދެއް ޚާއްސަ ކުރުމާ ގުޅޭގޮތުން އެރަށު ކައުންސިލާއި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަޝްވަރާތަކުގައި ހުރާގައި ފުޑް ސެކިއުރިޓީއަށް ވަކި ސަރަހައްދެއް ގާއިމްކުރުމަކީ، އެރަށު ކައުންސިލުންވެސް ޝައުގުވެރިކަން ހުރިކަމެއްކަމަށް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ހުރާ ކައުންސިލުން އެކަމަށް ބިމެއް ކަނޑައަޅާ، ވުޒާރާއާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. މި ބައްދަލުވުމުގައި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ ފުޑް ސެކިއުރިޓީއަކީ ސަރުކާރުން އެންމެ އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާއަކުންވެސް، މިފަދަ މަޝްރޫޢުތަކަށް ބޭނުންވާ ހުއްދަތަކާއި، އެހެނިހެން ކަންކަން ހަމަޖައްސައިދިނުމަށް އިސްކަންދިނުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ވަޒީރު ޑރ. މަރިޔަމް މާރިޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގައި މިފަދަ ބިމެއް ޚާއްސަވެފައި އޮތުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އިޤްތިޞާދަށް ވަރަށް ބޮޑަށް މަންފާކުރާނެ ކަމެކެވެ. ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، އެކަމަށް ހައްލުތަކެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ.
މި މަސައްކަތުގެ ދަށުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން ފުށިދިއްގަރުފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް ސަރުކާރުންވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ފަތްޕިލާވެލީގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް ރާއްޖޭގެ ރިސޯޓްތަކާއި އަދި މީހުން ދިރިއުޅޭ ރަށްރަށަށް ބޭނުންވާ ވަރަށް އުފެއްދިގެންދާނެއެވެ. މީގެ އިތުރުން، ފުޑް ސެކިއުރިޓީގެ ޤައުމީ މަޝްރޫޢެއް ގއ. ކޮނޑޭގައި ފެށުމަށްޓަކައި އެރަށުން ބިމެއްވެސް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫއުގައި މޭވާއާއި އާންމުކޮށް މީހުން ކައިއުޅޭ ތަކެތި ހެއްދުމަށް އިސްކަން ދެވިގެންދާއިރު، ދަނޑުވެރިކަމުގައި ޒަމާނީ ޓެކްނިލޮޖީ ބޭނުންކޮށްގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
 
								
 
											
 
								 
								

 
														 
														 
														 
														 
														 
														