އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއް އަރައި ބަލިމަޑުކަން އިންތިހާއަށް މައްޗަށްދާ މިދަނޑިވަޅުގައިވެސް އެގައުމުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް އަދި މުޅި ދުނިޔޭގެވެސް އެންމެ ބޮޑު ކުރިކެޓް މުބާރާތް އިންޑިއަން ޕްރިމިއަރ ލީގް (އައިޕީއެލް) ބާއްވަން ނިންމައިފިއެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މުޅިޖުމްލަ އަށްޓީމް ވާދަކުރާއިރު 52 ގޭމް ހަދަނޑެއްގައި ކުޅޭނެއެވެ. ކުޅިބަލާ މީހުން ނުވަދެވޭ ގޮތަށް މެޗުތައް ކުޅުނުނަމަވެސް ގިނަ ބަޔަކު މެޗުތައް ބެލުމަށް އެއްތަނަކަށް ޖަމާވާނެ ކަމަށް ބެލެވޭތީ ކޮވިޑް-19ގެ ހާލަތު އިންޑިއާގައި އިތުރަށް ގޯސްވެދާނެކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ.
އަންނަމަހުގެ 30 ވަނަ ދުވަހު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ބާއްވާ ސިޓީތަކުގެ ތެރޭގައި ހިމެނެނީ، ޗެއްނާއީ، ބެންގަލޫރ، ދިއްލީ، މުމްބާއީ ކޮލްކަތާ، އަދި އަހްމަދީއާބާދްއެވެ. މީގެތެރެއިން ގިނަ ސިޓީތަކަކީ މިހާރުވެސް ކޮވިޑް-19ގެ ބަލިމަޑުކަން އިންތިހާއަށް ފެތުރެމުންދާ ސިޓީތަކެވެ.
ކޮވިޑް-19 ޖެހިގެން އިންޑިއާއިން މިހާތަނަށް 165،000 ވުރެ ގިނަމީހުންވަނީ މަރުވެފައެވެ. ޕޮޒިޓިވުވި މީހުންގެ އަދަދު އުޅެނީ 12.5 މިލިއަނުގައެވެ. މިމަހު އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް 90،000 ވުރެ ގިނަ މީހުން އަންނަނީ ޕޮޒިޓިވުވަމުންނެވެ.
އިންޑިއަން ކުރިކެޓް ބޯޑުގެ އިސްއޮފިޝަލަކާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ، 14 ވަނަ އައިޕީއެލް އެއްވެސް މައްސަލައެއް ދިމާނުވެ ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މިހެން ބުނިނަމަވެސް، މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިއަކު މިފަހުންވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެ އެކަހެރިކޮށްފައެވެ. އަދި މި ކޭސްތަކާއި ގުޅުންހުރި ފަރާތްތައް އައްނަނީ ކަރަންޓީން ކުރަމުންނެވެ.




