ޅ. ނައިފަރުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 205 އަށް އަރައިފިއެވެ.
ޅ. އަތޮޅު ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އުމަރު އިބްރާޙިމް މި ނޫހަށް ވިދާޅުވީ، އެރަށުން މިއަދު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށާއި، އެެއާއިއެކު އެރަށުން ޕޮޒިޓިވް ވި މީހުންގެ އަދަދު 205 އަށް އަރާފައިވާކަމަށެވެ.
އުމަރު އިބްރާޙިމް ވިދާޅުވި ގޮތުގައި 37 ސާމްޕަލެއްގެ ނަތީޖާ މިހާތަނަށް ނުލިބި ވާކަމަށާއި، އެއީ އިއްޔެ ނެގި ސާމްޕަލްތައްކަމަށެވެ. އެރަށުން މިއަދުވެސް ވަނީ ސާމްޕަލް ނަގާފައެވެ. ނަމަވެސް މިއަދު ނެގީ ކިތައް ސާމްޕަލްކަމެއް އުމަރު ވިދާޅުވެފައެއް ނުވެއެވެ.
މީގެ އިތުރުން ޅ. އަތޮޅު ހޮސްޕިޓަލުގައި މިއަދު ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖަހަންފަށާފައެވެ.
އުމަރު އިބްރާޙިމް މި ވިދާޅުވީ، އެ ހޮޕިޓަލުގައި މިއަދު ކޮވިޑްގެ ދެ ވަނަ ޑޯޒް ޖަހަން ފަށާފައިވާއިރު، މިއަދު ވަނީ 68 މީހަކަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދީފައި ކަމަށެވެ.
ނައިފަރުގައި ދެ ވަނަ ޑޯޒް ޖަހަން ފަށާފައި ވާއިރު، މާލޭގައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ދެ ވަނަ ޑޯޒް ޖަހަން ފަށާފައެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައިވެސް މިހާރު ވަނީ ދެވަނަ ޑޯޒް ދޭން ފަށާފައެވެ.
ނަމަފަރު އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.