ޅ. ނައިފަރުގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް ރަނުން ރަނަށް ފުއްދައިދޭނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެގޮތުން ބަނދަރާއި މަގުހެދުމާއި ހައުސިން ޔުނިޓް ހިމެނޭހެން، ރަށުގެ ތަރައްޤީއަށް ކަނޑައަޅާފައިވާ ހުރިހާ މަޝްރޫޢުތަކެއް ފުރިހަމަ ކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ރައީސް މިހެން ވިދާޅުވީ ޅ. ނައިފަރު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނައިފަރު ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަަޢުދެއް ފުއްދުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ އެ ހުރިހާ ކަމެއް ކޮށްދިނުމަށް ކަމަށެވެ. އެކި ދާއިރާތަކުން ސޮއިކުރެވުނު މަޝްރޫޢުތަކަކީ ވަޢުދުވި ގޮތައް ފުރިހަމަ ކަމާއެކީގައި ރަނުން ރަނަށް ފުރިހަމަ ވެގެންދާނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ބާރަށް ފަށާނެ ކަމަށާއި، "އެހެންވީމަ ބިން ހިއްކުމުގެ މަސައްކަތަށް ދޭންޖެހޭ އެންމެ މަތީ އެންމެ ފުރިހަމަ ސަމާލުކަން ސަރުކާރުން ދޭނެ. މި މަސައްކަތް ފެށި ނުހުއްޓި ބާރައް ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން އަރުވަން." ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އައިސް ޕްލާންޓެއް ޤާއިމު ކުރުމަށް މިފްކޯއާއި އެކު މަސައްކަތް ފެށިފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ އުމްރާނީ ތަރައްޤީއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މަގު ހެދުމުގެ މަޝްރޫޢު މިހާރު ފެށިފައިވާއިރު، އެ މަސައްކަތް ނިމޭއިރު ރަށުގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައި ހުންނާނެ ކަމަށެވެ. ބަނދަރުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ބަނދަރުގެ މަޝްރޫޢު ނިންމައިދޭނެ ކަމަށާއި، އެ ބަނދަރު ވެގެންދާނީ މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްޤީކޮށްފައިވާ އެންމެ ބޮޑު އެއް ބަނދަރަށް ކަމަށެވެ.
ހައުސިންގެ ދާއިރާއަށް ބަލާއިރު، ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް 400 ހައުސިން ޔުނިޓް ޤާއިމުކޮށްދެއްވާނެ ކަމަށާއި، މީގެ އިތުރަށް 2027 ވަނަ އަހަރުގެ ތެރޭގައި އިތުރު 400 ހައުސިން ޔުނިޓް އެޅުމަށް މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިންވެސް ނައިފަރަށް ގިނަ ތަރައްޤީތަކެއް ރައީސް ވަނީ ވައުދުވެފައެވެ. އެގޮތުން، ތަޢުލީމީ ގޮތުން ކުރިއަރަމުން އަންނަ ނައިފަރުގެ ސުކޫލްގެ ޖާގަ އިތުރުކުރުމަށްޓަކައި 10 ކްލާސް ރޫމާއި ހުރިހާ ވައްތަރެއްގެ ލެބްތައް ހިމެނޭ އިމާރާތެއް އެޅުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޞިއްޙީ ދާއިރާއަށް ބަލާއިރު، ނައިފަރަށް ސްޕީޗް ތެރަޕިސްޓެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށާއި، ނައިފަރު ހޮސްޕިޓަލްގެ ސްކޯޕް ބޮޑުކޮށް، 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެންމެ ގިނަވެގެން 4 މަސްދުވަސްތެރޭގައި ސީޓީ ސްކޭން އާއި އެހެނިހެން ޚިދުމަތްތައް ނައިފަރަށް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން ވެސް ނައިފަރުގެ ރައްޔިތުންނަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނައިފަރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާކަމަށާއި، އެކަންކަން ނިމުނުހާ އަވަހަކަށް އިސްލާމީ މަރުކަޒު ޤާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
 
								
 
											
 
								 
								 
								
 
														 
														 
														
 
														 
														 
														 
														
