އިންޑިއާގެ ހުޅަނގު ބެންގޯލްގައި މިހާރު ކުރިއަށްދާ އެ ސްޓޭޓުގެ ލޯކަލް އިންތިހާބާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ފަސްމީހުން މަރުވެއްޖެއެވެ.
އިންޑިއާ ފުލުހުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މަރުވި ފަސްމީހުންގެ ތެރެއިން ހަތަރުމީހުން މަރުވެފައިވަނީ ވޯޓުލާ މަރުކަޒެއްކައިރީ ހިނގި ހަމަނުޖެހުމެއް ކޮންޓުރޯލް ކުރުމަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުންނެވެ.
ފަސްވަނަ މީހާ މަރުވެފައިވަނީ ތަފާތު އެހެން އިންތިހާބީ މަރުކަޒެއްގައި ވޯޓުލުން ކުރިއަށް ދަނިކޮށް މީހަކު ބަޑިންދިން ހަމަލާއެއްގައެވެ. މި ހަމަލާ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ހުޅަނގު ބެންގޯލަކީ އިންޑިއާގެ ހަތަރުވަނައަށް އާބާދީ އެންމެބޮޑު ސްޓޭޓެވެ. ހުޅަނގު ބެންގޯލުގައި 90 މިލިއަން މީހުން ދިރިއުޅެއެވެ. އަށް ފޭސްއަކަށް ބަހާލައިގެން ކުރިއަށްދާ އިންޑިއާގެ މި ލޯކަން އިންތިހާބު ހަތަރު ސްޓޭޓެއްގައި މަސްދުވަހުގެ މުއްދަތަށް ކުރިއަށް ދާނެއެވެ. އިންތިހާބުގެ ނަތީޖާ އިނގޭނީ އަންނަމަހު ދެވަނަ ދުވަހުއެވެ.
ހުޅަނގު ބެންގޯލްގައި އިންތިހާބު ކުރިއަށްދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގާތްގަނޑަކަށް 80،000 އަމަންބަލަހައްޓާ ސިފައިންވަނީ ނެރެފައެވެ. ހުޅަނގު ބެންގޯލްގައި 16،000 ވޯޓުލާ މަރުކަޒުގައި ވޯޓުލުމުގެ މަސައްކަތް ކުރިއަށް ދެއެވެ.




