ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ހަނދު މިއަދު ފެނިފައި ނުވާތީވެ، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މިއަދު އިރުއޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާ ކަމަށެވެ.
ފަލަކީ ހިސާބުން ދައްކާ ގޮތުން މިހިނގާ ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ދުނިޔޭގެ ހުރިހާ ތާކަށް ވެސް ހަނދު އޮއްސޭނެއެވެ. މާލެއަށް ބަލާއިރު، މިއަދުގެ އިރު އޮއްސުމުގެ 15 މިނެޓު ކުރިން ހަނދު އޮއްސޭނެއެވެ. އެހެންކަމުން، މި ޝައުބާންމަސް ވެގެންދާނީ 30 ހުގެ މަހަކަށެވެ.
ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިރޭ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ ރަމަޟާންމަހުގެ ހަނދު ފެންމަތި ނުވާނެކަން ކަށަވަރުވާ ކަަމަށެވެ.
މިނިސްޓަރު އަހުމަދު ޒާހިރު އަލީ ވަނީ ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.