ރަމަޟާން މަހަކީ އެތައް ގޮތަކުން ޚާއްސަވެގެންވާ މަހެކެވެ. މާތްވެގެންވާ މަހެކެވެ. ބަަކާތްތެރިވެގެންވާ މަހެކެވެ. ރަމަޟާންމަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ 4 ވަނަ ރުކުނެވެ. އީމަންކަންކަމަތީ ދަރުމަޔާއި ޘަވާބަށް އެދިގެން ރޯދަ ހިފައިފިމީހާގެ ފާފަތައް ފުއްސަވާނެކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ ވަނީ ދެއްވާފައެވެ.
އަޅުގަނދުމެން އެ މަހަކާއެކު މިހާރު ވޭތަކުރަމުން މިދާ ބަރަކާތުން ފުރިގެންވާ މި ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ހަޔާތުގައި ބައްދަލުވާނެ އެންމެ ފަހު ރަމަޟާންމަސްކަމަށްވެސް ވެދާނެއެވެ.
އެެހެންކަމުން ލިބިފައިމިވާ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހެއެވެ. ވިސްނާލަބަލާށެވެ. މިދިޔަ އަހަރުގެ ރަމަޟާންމަސް އަޅުގަނޑުމެންނާއި ބައްދަލު ކުރި އިރު، ދުނިޔޭގައި ތިބި އެތައް އަޚުންނަކާއި އުޚްތުންނެއް ވަނީ، މި ރަމަޟާންމަހާ ބައްދަލުވި އިރު އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައެވެ.
މިއީ އަޅުގަނޑުމެން އެންމެންގެ ލޯމަތީގައި ފެންނަން އޮތް ހަޤީޤަތެކެވެ. މި ރަމަޟާން މަހާ ބައްދަލުވުމަކީ، ކުރިއަށް އޮތް ރަމަޟާން މަހާ ބައްދަލުވާނެކަން ޔަޤީންވާ ކަމެއް ނޫނެވެ. ރަމަޟާން މަސް ފެށިފައިވާއިރު މިމަސް ނިމެންދެން އަޅުގަނޑުމެންގެ ތެރެއިން ދުނިޔޭގައި ތިބޭނީ ކިތައް މީހުން ކަމެއްވެސް ނޭނގެއެވެ.
މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ އެންމެފަހު ރަމަޟާން މަސް ކަމަށް ވެސް ވެދާނެއެވެ. ވީމާ މިމަހަށް ޤަދަރު ކުރާށެވެ! އިޙްތިރާމް ކުރާށެވެ! އަޅުކަމުގެ މަހެއްގެ ގޮތުގައި ބަލައިގަންނާށެވެ!
ޙަޤީޤަތަކީ މިއީ ކަމުގައި ވިއަސް ބައެއް މީހުންގެ ޙާލާމެދު ހިތާމަކު ޖެހެއެވެ. އެބައިމީހުން ވަނީ އާޚިރަތާ މެދު ޣާފިލުވެފައެވެ. ރަމަޟާން މަހަކީ ކިހާ މަތިވެރި މަހެއްކަން އެބައިމީހުން ނުދަނެއެވެ. ބައެއް މީހުންނަށް ހީވަނީ މިއީ ހަމައެކަނި ތަފާތު ކެއުންތަކާއި ބުއިންތަކުގެ މަހެއް ކަމަށެވެ. ކުޅިވަރާއި މަޖަލުގެ މަހެއް ކަމަށެވެ. ރޭގަނޑު ހޭލާ ހުރެފައި، ދުވާލު ހަތަރުދަމު ނިދަން އޮތް މަހެއް ކަމަށެވެ.
އެބައިމީހުންނަށް ވަނީ ރޯދައިގެ މަޤްޞަދު އޮޅިފައެވެ. ނަތީޖާއެއްގެ ގޮތުން ރޯދަމަހު ޒުވާބު ކުރުމާއި އަރާރުން ވުން ގިނަވެއެވެ. ކާބޯތަކެތި އިސްރާފު ކުރުމާއި ވަގުތު ބޭކާރު ކުރުން އިތުރުވެއެވެ.
ނިކަން ވިސްނާލަބަލާށެވެ. އަޅުގަނޑުމެންގެ މިސާލަކީ ހެދިބޮޑުވަމުންދާ ގަހެއްގެ މިސާލެވެ. އެގަސް ހެދި ބޮޑުވެ ވަރުގަދަވެއެވެ. އާރޯ ކަމާއި ތާޒާކަން އާދެއެވެ. ދެން އޭގެ ފަހުން ހީނަރުވާން ފަށައެވެ. ގަހުގެ ތާޒާކަން ގެއްލި އެންމެފަހުން ބަލިކަށިވެ ފަނާވެދެއެވެ. އަޅުގަނޑުމެންނަށް ވެސް ވާނީ ހަމަ އެހެންނެވެ. އަޅުގަނޑުމެންގެ ކުރީގެ މީހުންނަށް ވެސް ވީ ހަމަ އެހެންނެވެ. ވިސްނައި ފިކުރު ކުރާށެވެ! ތިބާ ކުރިއަށް އޮތް ދަތުރަށް ތައްޔާރު ކޮއްފައި ވަނީ ކޮންކަހަލަ ޢަމަލުތަކެއް ހެއްޔެވެ؟ ހެޔޮ ޢަމަލު ހެއްޔެވެ؟ ނުވަތަ ނުބައި ޢަމަލު ހެއްޔެވެ؟ ކުރިއަށް އޮތީ ފަސޭހަ މަރުޙަލާތަކެއް ނޫނެވެ. މަރުހިއްޕަވާ ވަގުތެވެ. ކައްވަޅުގެ އެކަނިވެރިކަމެވެ. މަޙްޝަރުގެ މައިދާނެވެ. ޞިރާތު މަގު ހުރަސް ކުރުމެވެ.
މިފަދަ ކަންކަން ހަނދާނަށްގެނެސް އަޅުގަނޑުމެންގެ އުޅުމަށާއި ޢަމަލުތަކަށް ހެޔޮބަދަލެއް ގެންނަން ޖެހެއެވެ. މާދަމާއަށްވިސްނާ ލިބިފައިމިވާ މަދު ވަގުތު ކޮޅުގެ ތެރޭގައި އެންމެ ފުރިހަމަ ގޮތުގައި ތައްޔާރުވާންޖެހެއެވެ.