އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެތީގެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މަރުޚަބާ ދަންނަވައިފިއެވެ.
އިންތިޚާބުވި ކެނޑިޑޭޓުންނަށް މަރުޚަބާ ދަންނަވައި ރައީސް އޮފީހުން މިއަދު ނެރުއްވާފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލްގެ އިތުރުން ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ގޮނޑިތަކަށް ވާދަކުރައްވާ ކާމިޔާބީ ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ދަންނަވާކަމަށެވެ.
މި އިންތިޚާބުން ހޮވިވަޑައިގެންނެވި އެންމެހައި ފަރާތްތަކާއިއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި އިންތިޚާބުގައި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިޙްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަނެ، އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ އަރުވާފައެވެ.
އެކިއެކި ދާއިރާތަކަށް ވާދަކުރައްވަ އިއްޔެ ބެއްވި އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި ފަރާތްތަކަށް ސަރުކާރުގެ އިސް ވެރިންނާއި، އެކިއެކި ޕާޓީތަކުގެ އިސް ބެޅުންގެ އިތުރުން އާންމު ރައްޔިތުންވެސް ދަނީ މަރުޚާބާ ދަންނަވަމުންނެވެ.