ކައުންސިލްތަކުގެ ހިޔާލާއި ވިސްނުމާ އެއްގޮތަށް އެކިއެކި މަޝްރޫޢުތަކާއި ސަރުކާރުން ހިންގަވާ މަސައްކަތްތައް ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހައްދުންމަތީ މާބައިދޫ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މިހެން ވިދާޅުވި ބައްދަލުވުމުގައި މާބައިދޫ ކައުންސިލުން ވަނީ، އެރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ހިއްޞާކުރައްވައި، މާބައިދޫގެ ތަރައްޤީއަށް މިހާރަށް އެންމެ ބޭނުންޖެހިފައިވާ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

"ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި މާބައިދޫ ސްކޫލަށް ދަތިވެފައިވާ ކަންކަމުގެ އިތުރުން އައިސް ޕްލާންޓް ޤާއިމްކުރުމުގައި ދިމާވެފައިވާ މައްސަލައިގެ އިތުރުން ރަށުގައި ލޯކަލް ޓޫރިޒަމް ފަށައިގަތުމަށްޓަކައި ކުރަންޖެހިފައިވާ މުހިންމު ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ." ރައީސް އޮފީހުން ވިދާޅުވިއެވެ.
މާބައިދޫ ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ބައެއް އިތުރު ކަންކަމުގެ ތެރޭގައި ސަރުކާރުން އެ ރަށުގެ ތަރައްޤީއަށް ފަށާފައިވާ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން އެ ރަށު ކައުންސިލުން އަލަށް މީހުން އާބާދުކުރަން ވިސްނަވައި ގޯތި ދޫކުރަން ކަނޑައަޅާފައިވާ ސަރަޙައްދާއި ހަމައަށް ނަރުދަމާ ނިޒާމު ފުޅާކުރުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ލޯކަލް ޓޫރިޒަމް ފަށައިގަތުމާއެކު ރަށުގައި ފުލުހުން ޤާއިމްވެތިބުމުގެ މުހިންމުކަމާއި ކައުންސިލް ޢިމާރާތް ގިނަ ދުވަސްވެ ބައުވެފައިވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގެ މަޢުލޫމާތު އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްޞާކުރައްވާފައެވެ.
މާބައިދޫ ކައުންސިލުން ފާހަގަކުރެއްވި ސްކޫލަށް ދިމާވެފައިވާ ޖާގައާއި ވަޞީލަތުގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށް ގިރުމުގެ މައްސަލައަކީ މި އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށްދާ މަސައްކަތެއް ކަމަށާއި، ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވާދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މާބައިދޫ ކައުންސިލަރުންނަށް ވަނީ އަރުވާފައިވެއެވެ.




