ރޯދަމަހު ވެކްސިން ޖަހަނީ ރޭގަނޑު 9 ގެ ފަހުން

ރޯދަމަހު ކޮވިޑް-19 އަށްދޭ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑަތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފިއެވެ.

އެގޮތުން އެޗްޕީއޭއިން މިރޭ ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ ރަމަޟާން މަހު މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮވިޑް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހު (މާދަމާ) ވެކްސިން ސެންޓަރުތައް ބަންދު ވާނެކަމަށެވެ.

ރަމަޟާން މަހު ކޮވިޝީލްޑް ވެކްސިން ދިނުމަށް ހަމެޖެހިފައިވަނީ ސޯޝަލް ސެންޓަރާއި، ނޭޝަނަލް އާޓް ގެލަރީގައާއި، ރައްޔިތުންގެ މަޖިލީހުގައާއި، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ވިލިމާލެ ޒުވާނުންގެ މަރުކަޒާއި، ސެނަހިޔާގައެވެ. މިތަންތަނުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ރޭގަނޑު 9:00 އިން 11:00 އަށެވެ.

މީގެ އިތުރުން ރޯދަމަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ސިނޮފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ސިނޮފާރމް ވެކްސިންވެސް ދިނުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 9:00 އިން 11:00 އަށެވެ.

ކޮވިޑް ވެކްސިން ޖަހަންދާއިރު، ދެވަނަ ޑޯޒް ޖަހަން ދާ ފަރާތްތަކުން ވެކްސިން ކާޑު ގެންދިއުމަށާއި، އައިޑީކާޑް ނުވަތަ ކާކުކަން އަންގައިދޭޢ ރަސްމީ ލިޔުމެއް ގެންދިއުމަށާއި، ވެކްސިން ޖަހަންދާއިރު ބަލީގެ އެއްވެސް އަލާމާތެއް ނެތް އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުމުގެ އިތުރުން ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލައިގެން ދިއުމަށް އެޗްޕީއޭ އިން ވަނީ އެދިލައްވާފައެވެ.

ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމަށާއި، ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުމަށާއި، ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުންވެސް އެޗްޕީއޭއިން އެދިލައްވާފައިވެއެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް 268،459 އަށްވުރެ ގިނަ މީހުން ޖަހާފައި ވާއިރު، ވެކްސިންގެ ދެ ވަނަ ޑޯޒް އެޕްރީލް 10 ވަނަދުވަހާއި ހަމައަށް 15،294 މީހަކު ޖަހާފައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް މިހާރު ކޮވިޝީލްޑްއާއި، ސިނޮފާރމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިންވެސް ބޭނުންކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ