މީހުން ގިނަވެ ވެކްސިން ސެންޓަރުތައް ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފި

މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖަހަން ތިބި މީހުންގެ އަދަދު ގިނަވުމާއި ގުޅިގެން ވެކްސިން ސެންޓަރުތައް ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފިއެވެ.

މި ރަމަޟާން މަހާއި ދިމާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވެކްސިން ދިނުމަށް ހަމަޖެހައިވާ ގަޑިތައް ފުރަތަމަ ކަނޑައަޅާފައި ވަނީ ރޭގަނޑު 9:00 އިން 11:00 އަށެވެ.

ނަމަވެސް އެޗްޕީއޭ އިން މިއަދު ވިދާޅުވީ މާލެ ސަރަޙައްދުގައި ވެކްސިން ޖަހަން ތިބި މީހުން ގިނަވުމާއެކު ވެކްސިން ސެންޓަރުތައް ހުޅުވިފައި ހުންނަ ގަޑި އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށާއި، އެގޮތުން މާލެ ސަރަޙައްދުގައި ވެކްސިން ސެންޓަރުތައް 21:00 ން 23:45 އަށް ހުޅިވިފަައި ހުންނާނެކަމަށެވެ.

ރަމަޟާން މަހު ކޮވިޝީލްޑް ވެކްސިން ދިނުމަށް ހަމެޖެހިފައިވަނީ ސޯޝަލް ސެންޓަރާއި، ނޭޝަނަލް އާޓް ގެލަރީގައާއި، ރައްޔިތުންގެ މަޖިލީހުގައާއި، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ވިލިމާލެ ޒުވާނުންގެ މަރުކަޒާއި، ސެނަހިޔާގައެވެ.

މީގެ އިތުރުން ރޯދަމަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ސިނޮފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވެކްސިން ޖެހުމަށް ސެންޓަރުތައް ހުޅުވިފައި ހުންނަ ވަގުތު އިތުރު ކުރުމާއެކު މި އިން ކޮންމެ ތަނެއްވެސް ރޭގަނޑު 9:00 އިން ފެށިގެން 11:45 އާއިހަމައަށް ހުޅުވިފައި ހުންނާނެއެވެ.

ކޮވިޑް ވެކްސިން ޖަހަންދާއިރު، ދެވަނަ ޑޯޒް ޖަހަން ދާ ފަރާތްތަކުން ވެކްސިން ކާޑު ގެންދިއުމަށާއި، އައިޑީކާޑް ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ނެތް އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުމުގެ އިތުރުން ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލައިގެން ދިއުމަށް އެޗްޕީއޭ އިން ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، އަމިއްލަ ފެންފުޅިއެއް ގެންދިއުމަށާއި، ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުމަށާއި، އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުންވެސް އެޗްޕީއޭއިން އެދިލައްވާފައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19އާ ދެކޮޅަށް މިހާރު ކޮވިޝީލްޑްއާއި، ސިނޮފާރމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިންވެސް ބޭނުންކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ