އެމެރިކާގެ އިންޑިއާނާޕޮލިސް ސިޓީގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި އަށް މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.
މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަޑީގެ ހަމަލާތައް ދީފައިވަނީ ފެޑެކްސް ފެސިލިޓީއެއްގެ ތެރޭގައެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް ބުނެފައިވަނީ، ބަޑީގެ ހަމަލާ ދީފައިވަނީ އެކަކު އެކަނި ކަމަށާއި އެމީހާ އަމިއްލައަށް ބަޑިޖަހައި މަރުވެފައިވާ ކަމަށެވެ. އަދި މިވަގުތު މިހާދިސާއާއި ގުޅިގެން އިތުރު ނުރައްކަލެއް ނެއްކަމަށެވެ.
ފުލުހުން ބުނީ މިހާދިސާގައި އަނިޔާވި ގިނަ އަދަދެއްގެ މީހުންނަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނަ ކަމަށާއި ހަމަލާދީފައިވަނީ އެތަނުގެ ގަޑިން 23:00 ހާއިރު ކަމަށެވެ. އަދި ހަމަލާދިން މަގުސަދު އަދި ހޯދިފައި ނުވާކަމަށެވެ.
ފުލުހުންނާއި ބަޑިން ހަމަލާދިން މީހާއާއި ދެމެދު ކުރިމަތިލުން ހިނގިނަމަވެސް މި ކުރިމަތިލުމުގެ ސަބަބުން އެއްވެސް ފުލުހަކަށް އަނިޔާވެފައިވާކަމުގެ ރިޕޯޓެއް ހާމަކޮށްފައެއް ނުވެއެވެ. މަރުވެފައިވާ އަށް މީހުންވެސް މަރުވެފައިވަނީ ހަމަލާދިން ފެޑެކްސް ފެސިލިޓީގެ ތެރޭގައެވެ.
ފެޑެކްސް ކުންފުނިން މި ހަމަލާއާއި ގުޅިގެން ބުނީ، ސަލާމަތާ ރައްކާތެރި ކަމަކީ އެކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށާއި މިހާދިސާގައި މަރުވި މީހުންނަށް ތައުޒިޔާ ކިޔާކަމަށެވެ. އަދި މިކަމުގައި އެއްބާރުލުންދޭންޖެހޭ ފަރާތްތަކަށް އެއްބާރުލުން ދެމުން އައްނަ ކަމަށެވެ.



