އާބާދީގެ %60 މީހުންނަށް ވެކްސިން ދީފައިވާ ރަށްރަށަށް، ކޮވިޑް އުޅޭ ރަށްރަށުން ވެސް މީހުންނަށް ދެވޭނެ ކަމުގައި އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ފާޠިމަތު ނަޒްލާ ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޒްލާ ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ވަގުތު ނަގާނެތީވެ އޭގެ ކުރިޔަށް ލުއިތަކެއް ދިނުމުގެ ގޮތުން 60 ޕަސެންޓް މީހުންނަށް ވެކްސިން ނުދެވޭ ރަށްރަށަށް ދާން ކަރަންޓީނާ ނުލާ ދަތުރު ކުރުމުގެ ފުރުޞަތު ދެނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައި ތިބި މީހުންނަށް ކަމަށެވެ.
ނަމަވެސް ވަރަށް ބޮޑަށް ބަލި ފެތުރެމުންދާ ރަށަކުން ދަތުރު ކުރާނަމަަ ވެކްސިންގެ އިތުރުން ޕީސީއާރު ނެގެޓިވް ނަތީޖާއެއްވެސް ބޭނުންވާނެކަމަށް ނަޒްވާ ވަނީ ވިދާޅުވެފައެވެ.
ނަޒްލާ ވިދާޅުވީ އާބާދީގެ %60 ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާނަމަ އެ ރަށަކަށް ބަލި އުޅޭ ރަށަކުންވެސް ކަރަންޓީނަކާ ނުލައި އެންމެނަށް ދަތުރު ކުރެވޭނެ ކަމަށާއި، ވެކްސިން ޖަހާފައިވާ މީހެއްނަމަ އޭނަގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުޞަތު ކުޑަވެގެންދާނެކަމަށެވެ.
ވެކްސިން ޖެހުމުން %60 އާއި%80 އާއި މެދެދު ރައްކާތެރިކަން ލިބެކަމަށާއި އޭގެ އިތުރުން ބަލި ޖެހުމުން ވާ އުނދަގޫތައް އެއްކޮށްހެން ދަށްކޮށްދޭ ކަމުގައި ނަަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ މިހާރު އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި %60 އަށް ފުރަތަމަ ޑޯޒް ދެވިފައިވާކަމަށާއި އަދި ދެވަނަ ޑޯޒް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.



