ރާއްޖެއިން ކޮވިޑް-19 އަށް މިއަދު އިތުރު 157 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 3،122 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 157 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 71 މީހުން، އަތޮޅުތެރޭ ރަށްތަކުން 72 މީހުން، އަދި ރިސޯޓުތަކުން 12 މީހުންނެވެ.
ރާއްޖޭއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ސަތޭކައިން ދަށުގައި ދުވަސްތަކަކު އޮތުމަށްފަހު، މައްޗަށް އަރާފައިވަނީ އިއްޔެ ނޫން ކުރީ ދުވަހުއެވެ. އެގޮތުން އެދުވަހު 124 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެ 203 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭންވަނީ ހާމަކޮށްފައެވެ. އަދި ކޮވިޑް-19 ގެ ކޭސްތައް އަތޮޅުތެރޭގައި އިތުރުވާން ފަށައިފައިވާކަންވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
✳️ COVID-19 : Case Updates pic.twitter.com/zWPQ06U8Gp
— Health Protection Agency (@HPA_MV) April 19, 2021
މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 23،691 އެވެ. މިވަގުތު 2،735 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 68 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 70 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ



