ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ | ފޮޓޯ: މަޖިލިސް

ރުފިޔާ ޗާޕް ކުރަން ދިން ހުއްދަ އިތުރު ކުރުމާމެދު ގޮތެއް ނުނިންމުނު

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ޚަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، ނުވަތަ ރުފިޔާ ޗާޕް ކުރަން ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަކި ގޮތެއް ނުނިންމުނެވެ.

ރުފިޔާ ޗާޕް ކުރުމަށް މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީއިން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ.

މި މައްސަލައައި ގުޅިގެން މިއަދުގެ މަޖިލީހުގައި ވަނީ މި މައްސަލަ ޚާއްސަ ކޮމެޓީއަކަށް ފޮނުވައިގެން ދިރާސާ ކުރުމަށް ހުށައަޅާފައެވެ. ނަމަވެސް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުގެ މި ހުށައެޅުމަށް ތާޢީދު ކުރައްވާފައި ވަނީ 48 މެންބަރުންނެވެ. އަދި 12 މެންބަރަކު ވަނީ އެއައި ދެކޮޅަށް ވޮތް ދެއްވާފައެވެ.

ޚާއްސަ ކޮމެޓީއަކަށް ފޮނުވައިގެން މި މައްސަލަ ދިރާސާ ކުރުމަށް ފާސް ނުވުމާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އެދިވަޑައިގަތުމާ ގުޅިގެން ފައިސާ ޗާޕް ކުރުމުގެ ހުއްދަ އިތުރު ކުރުމާމެދު މަޖިލީހުން ވަކި ގޮތެއް ނުނިންމުނު ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ހުށައެޅުމުގައި ވިދާޅުވެފައި ވަނީ ކޮވިޑްއާއި ގުޅިގެން ކުރިމަތިވި އިޤްތިސާދީ އަދި މާލީ ލޮޅުންތަކާއެކު ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ކ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2020 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމަށް ދީފައިވާ ހުއްދަ އަދި އެއްއަހަރަށް އިތުރު ކުރަން އެދޭކަމަށެވެ.

މަޖިލީހުން މިދިޔަ އަހަރު ފިނޭސް މިނިސްޓްރީއަށް ދީފައިވާ މި ހުއްދައާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރުމެއްނެތި ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމުގައިވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފައިސާ ޗާޕް ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކުރުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ