ބ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރެއްވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ބ. އޭދަފުށީގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓެއް ކޮވިޑަށް ޕޮޒިޓިވް ވެފައި މިވަނީ މިގެ ދެ ދުވަސް ކުރިން އެރަށުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށް ވަނީ މޮނިޓަރިންއަށް ލާފައި ވަނިކޮށެވެ.
ބ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ މުޙައްމަދު ރަޝީދު މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި އެ ހޮސްޕިޓަލުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ އޮޕަރޭޝަން ޑޮކްޓަރެއްކަމަށާއި، އޭނާ ޕޮޒިޓިވް ވެފައިވަނީ އިއްޔެކަމަށެވެ.
ޑޮކްޓަރު ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވިފައިވާކަމަށާއި، އެގޮތުން 4 ފަރާތެއް ހޮސްޕިޓާތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވި އައިސޮލޭޝަންގައި ބެހެއްޓިފައިވާކަމަށް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. އެއީ ނަރުހަކާއި، ޑޮކްޓަރެއްގެ އިތުރުން 2 ދެ ތަރުޖަމާނެވެ.
އޭދަފުށީގައި މިހާރު ޖުމްލަ 7 ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ އަދި ނުލިބި ހުރި ކަމުގައި މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. އެގޮތުން 50 ސާމްޕަލެއް ޕެންޑިންގައި ހުރި އިރު، މިއަދުވެސް 300 ރެންޑަމް ސާމްޕަލް ނަގާފައިވާނެކަމުގައި އޭނާ ވިދާޅުވިއެެވެ.
އެރަށުން ކޮވިޑް-19 ދެ ކްލަސްޓަރ ފެނިފައިވާއިރު، އެފަރާތަކާއި ކޮންޓެކްޓްވި ފަރަތްތައް މިހާރު ވަނީ ކަރަންޓީން ކުރެވިފައެވެ.



