ކޮވިޑް-19 އާއި ދެކޮޅަށް އުފައްދައިފައިވާ ފައިޒާ ވެކްސިންގެ ފޭކް މެކްސިކޯއިންނާއި ޕޮލެންޑުން ފެނިފައިވާކމަށް އެމެރިކާގެ ބޭސްއުފައްދާ ކުންފުނި ފައިޒާއިން ބުނެފިއެވެ.
ފައިޒާ ވެކްސިންގެ ފޭކް ޑޯޒްތަކެއް މެދެގައުމުގެ އިދާރާތަކުން ހޯދައި ކުރި ތަހުލީލުތަކުން އެއީ އަސްލު ފައިޒާ ވެކްސިން ނޫންކަންވަނީ ދެނެގަނެވިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ބުނީ، ފޭކް ވެކްސިން ތަކުގެ ސަބަބުން މުޅި ދުނިޔޭގެ އާންމު ސިއްހަތު ބޮޑު ނުރައްކަލަކަށް ހުށަހެޅިގެން ހިނގައިދާނެ ކަމަށެވެ. މިފަދަ ވެކްސިންތައް ދެނެގަނެ ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިންވަނީ ގޮވާލައިފައެވެ.
ޕޮލެންޑުގެ ސިއްހަތާބެހޭ ވަޒީރު އިއްޔެ ބުނެފައިވަނީ އެގައުމުން ފެނުނު ފޭކް ފައިޒާ ވެކްސިން ވެކްސިން ކެމްޕެއިންގެ ތެރެއިން އެއްވެސް މީހަކަށް ދެވިފައި ނުވާނެކަމަށެވެ. ނަމަވެސް މެކްސިކޯގެ ކުލިނިކެއްގައި 80 މީހަކަށް މި ވެކްސިންވަނީ ދީފައެވެ. މީގެސަބަބުން ވެކްސިން ދެވުނު މީހަކަށް އަދި ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް-19 އެއްވެސް ރައްކާތެރިކަމެއް މީގެން ފޯރުކޮށް ނުދޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.
ފައިޒާ ކުންފުނީގެ ފަރާތުން ބުނީ، އެ ކުންފުނީގެ ވެކްސިންގެ ފޭކް އުފައްދައި ދައުރުވަމުންދަނީ ވެކްސިނަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން ކަމަށާއި އަދި ވެކްސިން އުފެއްދޭ މިންވަރު ދައްކަމުގެ ސަބަބުން ކަމަށެވެ.



